Last Updated: May 4, 23:07
Sunday, May 5, 2024
މުނިފޫހިފިލުވުން

އިބްރާހީމަށް ފުލުފުލުގައި ފިލްމުތަކެއް

ކުޅުނު ފުރަތަމަ ފިލްމު "ސަރުޒަމީން" ބެލުންތެރިންނާ ހަމައަށް ނާންނަނީސް އިބްރާހީމް އަލީ ޚާނަށް ފުލުފުލުގައި ފިލްމުތަކެއް ލިބެން ފަށައިފި އެވެ.

އުމުރުން 21 އަހަރުގެ އިބްރާހީމަކީ މަޝްހޫރު އެކްޓަރު ސައީފް އަލީ ޚާންގެ ދަރިއެކެވެ. އަދި އޭނަ އަކީ ބަތަލާ ސާރާ އަލީ ޚާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. އިބްރާހީމް ބޮލީވުޑަށް ތައާރަފުކުރަން ހަމަޖެހިފައިވާ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ އަހަރު ޝޫޓިން ނިންމާފައި އޮތް ވަތަނީ ފިލްމު "ސަރުޒަމީން" އިންނެވެ.

ސިފައިންގެ މީހެއްގެ ރޯލު އިބްރާހީމް ކުޅެފައިވާ މި ފިލްމު ޑައިރެކްޓްކުރީ އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކެޔޯޒް އިރާނީ އެވެ. މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެކަމުގެ އުންމީދު ބޮޑު "ސަރުޒަމީން" ގެ ކާސްޓްގައި ކާޖޮލް އާއި މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން ވެސް ހިމެނެ އެވެ.

މި ފިލްމު ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް އިރު، ދާދި ފަހުން އިބްރާހިމް ވަނީ ދަރުމާ އެހެން ފިލްމެއް ވެސް ނިންމައިފަ އެވެ. އެއީ އާ ޑައިރެކްޓަރު ޝައުނާ ގޯތަމްގެ "ނާދާނިޔާން" އެވެ. މި ފިލްމުގެ ބަތަލާ އަކީ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ހަގު ދަރުފުޅު ހުޝީ ކަޕޫރެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ނާދާނިޔާން" ގެ ކާސްޓްގައި ސުނިލް ޝެޓީ ވެސް ހިމެނެ އެވެ.

މިހާރު އަޑުއަރާފައިވާ ގޮތުން އިބްރާހީމް މިހާރު ވަނީ އިތުރު ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. މި ފިލްމަކީ ދަރުމާ އާއި ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ގުޅިގެން ހަދަން ނިންމާފައިވާ ތިނެސްކަން ލޯބީގެ ރޮމޭންޓިކް ކޮމެޑީއެއް ކަމަށް މީޑިއާތަކުން ބުންޏެވެ.

"ޑިލަރު" ކިޔާ މެޑޮކްގެ ފިލްމަކަށް އިބްރާހީމް ސޮއިކުރި ވާހަކަ މިދިޔަ އަހަރު ވެސް ދެކެވިފައިވެ އެވެ. ނަމަވެސް ހަދަން އުޅޭ ތިނެސްކަން ލޯބީގެ ފިލްމަކީ އެއީކަން އަދި ކަށަވަރެއް ނޫނެވެ. ރިޕޯޓްތައް ބުނާ ގޮތުން އިބްރާހީމްގެ ތިން ވަނަ ފިލްމުގެ ބަތަލާއިންނަކީ ދައްތަ ސާރާގެ ގާތް އެކުވެރިޔާ އަދި ހުޝީގެ ދައްތަ ޖާންވީ ކަޕޫރްގެ އިތުރުން މަހީމާ މަކްވާނީ އެވެ.

ކުރިން ޓީވީ ސިލްސިލާތަކުގައި މަސައްކަތްކުރި މަހީމާ އަކީ މިދިޔަ މަހު ދަރުމާ އިން ގެނެސްދިން ވެބް ސީރީޒް "ޝޯޓައިމް" ގެ އެއް ބަތަލާ އެވެ. އޭނަ ބޮލީވުޑަށް ނެރުނީ ސަލްމާން ޚާންގެ 2021 ގެ "އަންތިމް: ދަ ފައިނަލް ޓުރުތު" އިންނެވެ.

ހިންދުސްތާން ޓައިމްސް އިން ބުނި ގޮތުގައި އިބްރާހީމްގެ ތިން ވަނަ ފިލްމަކީ ޝިޝާންކް ކައިތާން ލިޔެ، ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށާއި ޝޫޓިން ފަށާނީ އަންނަ އަހަރު ކަމަށް އެ ނޫހުން ބުންޏެވެ. ޝިޝާންކް އަކީ "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" އާއި "ބަދުރީނާތު ކީ ދުލްހަނިޔާ" ގެ އިތުރުން "ދަޅަކް" ގެނެސްދިން ޑައިރެކްޓަރެވެ.

މިހާރު ޖާންވީ އާއި ވަރޫން ދަވަނާ އެކީ "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" ގެ ނަމުގައި ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ޝިޝާންކްގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ގޯވިންދާ މޭރާ ނާމް" އެވެ.

އިބްރާހީމް ފުލުފުލުގައި ފިލްމުތަކަށް ސޮއިކުރަމުން އަންނާތީ ގިނަ ބަޔަކު މިހާރު ތިބީ އޭނަގެ އަލަތު ފިލްމުގެ އިންތިޒާރުގަ އެވެ. އަދި މިއީ ވަރަށް އުންމީދީ އެކްޓަރަކަށް ވާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.