Last Updated: May 5, 21:32
Sunday, May 5, 2024
ދުނިޔެ

ސްޕެއިންގެ ބޮޑުވަޒީރު މަގާމު ދޫކޮށްލައްވަނީ!

އަނބިކަނބަލުން ބެގޯނާ ގޮމޭޒްގެ މައްޗަށް މިހާރު ފަށާފައިވާ ކޮރަޕްޝަންތަކުގެ ދައުވާތަކުގެ ޝަރީއަތާ ގުޅިގެން ސްޕެއިިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް މަގާމުގެ މަސްއޫލިއްޔަތުތަކުން އަމިއްލަ އަށް އެކަހެރިވެވަޑައިގެންފި އެވެ.

މިކަން އިއްޔެ އިއުލާން ކުރައްވައި އޭނަ ވިދާޅުވީ ދެން މަގާމުގައި ދެމިހުންނެވުމާ މެދު ވެސް މިހާރު ސީރިއަސްކޮށް ވިސްނަވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ނިންމަވާ ގޮތެއް މި މަހުގެ 29 ގައި އިއުލާން ކުރައްވާނެ ކަމަށް ސަންޗޭޒް ވިދާޅުވި އެވެ.

ދެހާސް އަށާރައިގައި ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ ސަންޗޭޒް ވިދާޅުވީ މި ފަހަކަށް އަައިސް ސިޔާސީ ގޮތުން އޭނަ ބަލިކޮށްލުމުގެ ގޮތުން އެންޓި-ކެމްޕޭން ހިންގައި، ފުރައްސާރަކޮށް، ޒާތީ ގޮތުން އަންހެނުންނާއި އާއިލާއާ ވެސް އެކި ފަރާތްތަކުން ދިމާކުރަމުންދާ ކަމަށެވެ. އަދި އަނބިކަނބަކުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ގުޅިގެން ބޮޑުވަޒީރު ވިދާޅުވީ ދައުވާތަކުން ބެގޯނާ ދިފާއުވެވަޑައިގަންނަވާނެ ކަަމަށް ގަބޫލުކުރައްވާ ކަމަށާއި ޖުޑިޝަރީ އަށް އިތުރުބާރު ވެސް އެބައޮތް ކަމަށެވެ.

ބެގޯނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ބޮޑެތި ގިނަ މައްސަލަތަކެއް ފެންމަތިކުރީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "ކްލީން ހޭންޑްސް" އިންނެވެ. ނަމަވެސް ދައުވާތަކާ ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ދައުވާތަކާ ގުޅޭ ޕްރިމިލިނަރީ އިންކްއަރީ ކޯޓުން ފެށީ މި މަހުގެ 16 ގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބެގޯނާ އަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އޭނަގެ ބައިވެރިވުން އޮންނަ ޕްރައިވެޓް ކުންފުނިތަކަށް ދައުލަތުގެ މާލިއްޔާ އިން ފައިސާ ހޯދައި ދިނުމާއި ކޮންޓްރެކްޓްތައް ނުފޫޒު ބޭނުންކޮށްގެން ހޯދައި ދިނުން ފަދަ ކަންކަން ހިމެނެ އެވެ.

"ކްލީން ހޭންޑްސް" އިން މީގެ ކުރިން ވެސް ނުފޫޒު ގަދަ މީސްމީހުންނާ ގުޅޭ މިފަދަ ގިނަ މައްސަލަތަކެއް ކޯޓަށް ގެންގޮސްފައިވެ އެވެ.