Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ ގައިގައި ރޯވެއްޖެ

ހިތަދޫ ޕޮލިސް ސްޓޭޝަން: . ފޮޓޯ/ އައްޑޫ ލައިވް

ހިތަދޫގައި ހުންނަ ފުލުހުންގެ ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުރި މީހެއްގެ ގައިގައި އަލިފާން ރޯވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަގެންދެ އެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 28 އަހަރުގެ އެ މީހާގެ ގައިގައި ރޯވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މުއްދަތު ޖެހުމަށް ފަހު ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ދާއިމީ ބަންދަށް ބަދަލުކުރުމުގެ ލިޔެކުޔުންތައް ފުރިހަމަކުރެވެންދެން ވަގުތީ ބަންދުގައި ބަހައްޓާފައި ހުއްޓައިކަމަށެވެ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފަކު 'އައްޑޫ ލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އެ ފިރިހެންމީހާގެ ހާލު ރަނގަޅު ކަމަށެވެ.

"އޭނާ ބަންދުކޮށްފައި ހުރި ގޮޅިން އަލިފާނުގެ އަސަރު ފެނުމުން ފުލުހުން ދިޔައިރު އޭނާ ލައިގެން ހުރި ގަމީހުގެ ފުރަގަހުގައި އަލިފާން ރޯވެފައި ހުއްޓާ ވަނީ ފެނިފަ އެވެ. އެވަގުތު އޭނާގެ ގައިގައި ހިފާފައިވާ އަލިފާން ނިއްވާލުމަށްފަހު ހޮސްޕިޓަލަށް ގެންގޮސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މިހާރު ގެންދަނީ ފަރުވާ ދެމުންނެވެ،" ފުލުހުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާގޮތުގައި އޭނާ ބަހައްޓާފައި ހުރީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ރިސެޕްޝަނުގެ ކަނާތް ފަރާތުގައި ހުންނަ ކޮޓަރިއެއް ކަހަލަ ތަންކޮޅެއްގައެވެ. ޕޮލިސް ސްޓޭޝަންގެ ރިސެޕްޝަނުގައި އިންނަވާ ބޭފުޅާ އާއި ގާތްގަނޑަކަށް 5 ފޫޓް ދުރުގައި ހުންނަ މިތަނަކީ އާންމުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުން ކަސްޓޯޑިއަލް ޔުނިޓަށް ގެންދިއުމުގެ ކުރިން ބައިތިއްބާ ތަނެވެ.

ގެވެށި އަނިޔާގެ މައްސަލައެއްގައި މިމަހުގެ 7 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށައް ގެނެވުނު މީހާގައި ރޯވި މައްސަލަ މިހާރު ހިއުމަން ރައިޓްސް ކަމިޝަން އިން ދަނީ ތަހްގީގު ކުރަމުންނެވެ.