Last Updated: April 16, 16:54
Tuesday, April 16, 2024
ރިޕޯޓް

އައްޑޫ ސިޓީގެ ކަރަންޓުގެ ވާހަކަ!

ފެނަކަ ހިތަދޫ ސޭލްސް ސެންތަރު ހުޅުވުމުގެ ތެރެއިން؛ ފޮޓޯ: ކިއުންތެރިއެއް

ކަރަންޓުގެ މައްސަލައަކީ އައްޑޫގެ ރައްޔިތުންނަށް އިއްޔެ ދިމާވި މައްސަލައެއް ނޫނެވެ. މަރާމާތަށް ކަމަށް ބުނެ ކަރަންޓު ކަނޑާލުމާއި އެއްވެސް ނޯޓިސް އަކާއި ނުލައި ދޭތެރެ އަކުން ކަރަންޓު ކަނޑައިގެން ދިޔުމަކީ އައްޑޫގެ ރައްޔިތުން އާދަވެފައިވާ ކަމެކެވެ. ކަރަންޓުގެ މައްސަލަތައް ދިމާވަމުން ދިޔަ ނަމަވެސް ކެތްތެރިކަމާއި އެކު އައްޑޫގެ ރައްޔިތުން ދިޔައީ އެއްވެސް ޝަކުވާ އެއް ނެތި ބިލްތައް ދައްކަމުންނެވެ.

އެހެން ތިއްބާ ކުއްލިއަކަށް ކަރަންޓު ބިލް ބޮޑުވެގެން ދިޔައީ އެވެ. ކަރަންޓުގެ އަގު ބޮޑު ކުރި ވާހަކައެއް އައްޑޫގެ އެއްވެސް ގެއަކަށް އަދި ވިޔަފާރިއަކަށް ވެސް އިންޖީނުގެ ހިންގާ ފެނަކަ ކޯޕަރޭޝަނުން އަންގާފައި ނުވެއެވެ. މަހަކު 1500 ރުފިޔާ ދައްކަމުން ދިޔަ ބިލްތަކަށް 5000 ރުފިޔާ ދައްކަން ޖެހުމުން ކަރަންޓުގެ މައްސަލަތަކުގައި އައްޑޫގެ ރައްޔިތުންގެ ހިތުތެރޭގައި ހުރި ހުރިހާ އެއްޗެއް ބޭރުކުރަން އެމީހުން ނިކުތީއެވެ.

ފެނަކައިން ބުނަނީ ކީކޭ ؟

އައްޑޫ ސިޓީގެ އިންޖީނުގެ ހިންގަމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި ވިޔަފާރިވެރިން ކަރަންޓު ބިލްތައް ބޮޑުވެގެން އުޅެނީ އެންސްޕާގެ (ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ) ފަރާތުން ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ކަމަށެވެ. މީގެ އިތުރުން ނޫސްވެރިންގެ ބައްދަލު ވުމެއްގައި ފެނަކަ ކޯޕަރޭޝަނުގެ ޑިރެކްޓަރ ހުސެން ހަމީޒު ވިދާޅުވެފައި ވަނީ ސަރުކާރުން ކަރަންޓް ބިލުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށާއި، މިހާރު ތަންފީޒު ކުރަން ފަށާފައިވާ އަގުތަކަކީ ރައީސް ނަޝީދުގެ ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކެއް ކަމަށެވެ.
ކަރަންޓުގެ މައްސަލަޖެހިގެން އައްޑޫގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ ކޮންމެ ފަހަރަކު ފެނަކަ ކޯޕަރޭޝަނުގެ ވެރިން ވިދާޅުވާ ވާހަކައެއް އޮވެއެވެ. "2 މެގަވޯޓުގެ އިންޖީނެއް ވަރަށް އަވަހަށް ލިބޭނެ" ކަމަށެވެ. "އިންޖީނު މަރާމާތުކުރަން ބޭނުންވާ ސްޕެއަރ ވަރަށް އަވަހަށް ލިބޭނެ" ކަމަށެވެ.
ނަމަވެސް ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިން ކުރައްވާ މަސައްކަތަކީ އައްޑޫ ރައްޔިތުންނަށް އޮޅުވާލުން ކަމަށް އައްޑޫގެ ގިނަ ރައްޔިތުން ބުނެއެވެ.

ފެނަކައިގެ ވާހަކަ ވިޔަފާރިވެރިން ދޮގުކުރޭ

ކަރަންޓު ބިލްތަކުގެ މައްސަލައިގައި އައްޑޫގައި ކުރި މުޒާހަރާގެ ތެރެއިން.
ކަރަންޓު ބިލްތަކުގެ މައްސަލައިގައި އައްޑޫގައި ކުރި މުޒާހަރާގެ ތެރެއިން.

އައްޑޫގެ ވިޔަފާރިވެރިން ބުނާގޮތުގައި ފެނަކަ ކޯޕަރޭޝަނުން ހަދަނީ ކަނޑައެޅިގެން ދޮގު ކަމަށާއި ކަރަންޓު ބިލްތައް ބޮޑުވެގެން އުޅެނީ ކަރަންޓް ޔުނިޓަކަށް ކުރިން ނަގަމުން އައި 3.25 ލާރީގެ ބަދަލުގައި 7 ރުފިޔާ ޔުނިޓަކަށް ނަގަން ފެށުމުން ކަމަށެވެ.

"ކުރިން ޔުނިޓަކަށް ނަގަމުން މިއަންނަނީ 3.25 ލާރި، ދެން މިހާރު 7 ރުފިޔާ ނަގަން ފެށީމާ ކަރަންޓު ބިލް މިވީ. ދެން މިބުނަނީ ނަޝީދުގެ ސަރުކާރުގައޭ ބޮޑު ކުރީ. އޭނާ ކުޑަގޮޅީގައި އޮވެގެންތަ ކަރަންޓު އަގު ބޮޑު ކުރީ " ހިތަދޫގެ ވިޔަފާރިވެރިއަކު ބުންޏެވެ.

" އިންޖީނެއް ގެންނަ ވާހަކަ ބުނިފަހުން އަހަރުމެން އެތައް ކޮންޓޭނަރުގެ ކާރު ގެނެސް ހިތަދޫ ބަނދަރަށް ބާލައިފި. ތި އިންޖީނަކީ ދުވަހަކުވެސް މި އައްޑޫ އަކަށް ގެންނާނެ އެއްޗެއް ނޫން " ކަރަންޓުގެ މައްސަލައިގައި 'އައްޑޫލައިވް' އާއި ވާހަކަދެއްކި އެހެން ވިޔަފާރިވެރިއަކު ބުންޏެވެ.

ސަބްސިޑީ އަކީ ކޯޗެއް ކަން އިނގޭތަ؟

ސަބްސިޑީއަކީ ސަރުކާރުގެ ފަރާތުން ނުވަތަ އެނޫންވެސް ފަރާތަކުން ވަކި ޚިދުމަތެއްގެ އަގު ދަށްކުރުމަށް ދެވޭ މާލީ އެހީއަކަށް ކިޔާ ނަމަކެވެ.
އެންސްޕާ މެދުވެރިކޮށް ސަރުކާރުން ކަރަންޓުގެ ޚިދުމަތުގެ އަގު ބޮޑުވުމުގެ ސަބަބުން ކަރަންޓު ސަބްސިޑީއެއްގެ ދެމުން އަންނަނީ ދެ ސަބްސިޑީ އެކެވެ. އެއީ ޔޫސޭޖް ސަބްސިޑީ އާއި ފިއުލް ސަރޗާޖްއަށް ދެވޭ ސަބްސިޑީއެކެވެ.

ޔޫސޭޖް ސަބްސިޑީ އަކީ ޔޫސޭޖް ސަބްސިޑީއަކީ ކަރަންޓު ޔުނިޓަކަށް އަގުކުރެވޭނެ ކަމަށް ސަރުކާރުން ކަނޑައެޅިފައިވާ އަގަށްވުރެ ޚިދުމަތް ފޯރުކޮށްދޭ ފަރާތުން ކަރަންޓް ޔުނިޓަކަށް ރައްޔިތުންގެ އަތުން ނަގާ އަގު ހެޔޮނަމަ، ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ބާކީ ދައްކަން ޖެހޭ އަގު ދެއްކުމަށް ދެވޭ މާލީއެހީއެކެވެ.

މި ދެ ސަބްސިޑީ އަކީ ވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބޭނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވާ ދެ ސަބްސިޑީ އެކެވެ.

ތަފާތު ކުރުން ގެންގުޅޭކަމަށް ކުރާ ތުހުމަތަކީ ޙަޤީޤަތެއް

11138114_10205305565612235_4983197370303492607_n
ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ފިއުލް ސާޗާޖް ސަބްސިޑީ އާއި ޔޫސޭޖް ބޭސްޑް ސަބްސިޑީ ލިބެމުން ގެންދާއިރު އައްޑޫގެ ރައްޔިތުންނަށް ލިބެމުން ދަނީ ހަމައެކަނި ފިއުލް ސާޗާޖް ބޭސްޑް ސަބްސިޑީއެކެވެ. 'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުވައްމުލަކުގެ ރައްޔިތުންނަށް ވެސް ޔޫސޭޖް ބޭސްޑް ސަބްސިޑީއެއް ނުލިބެއެވެ.
ދެން އޮތީ ކަރަންޓު ޔުނިޓަކަށް ނަގާ އަގުގެ ތަފާތު ގެންގުޅޭ ވާހަކައެވެ. ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ސްޓެލްކޯ އިން ވެރިރަށް މާލޭގެ ރައްޔިތުންގެ އަތުން 201 ޔުނިޓުން ފެށިގެން ނަގަމުން ދަނީ 3 ރުފިޔާ ފަންސާސް ލާރިއެވެ. ނަމަވެސް ހަމަ ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގެ ރައްޔިތުންގެ އަތުން 201 ޔުނިޓުން ފެށިގެން ކޮންމެ ޔުނިޓަކަށް 6 ރުފިޔާ ފަންސާސް ލާރި ނެގުމަކީ ތަފާތު ކުރުން ނޫން ދެން ކޯޗެއްތޯއެވެ ؟

ނުޙައްޤުން ތަފާތުކުރުމަކީ ޤާނޫނީ ކުށެއް !

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޤާނޫނު އަސާސީގައި ބުނެފައިވާ އަސާސީ ޙައްޤުތަށް ލިބިދިނުމުގައި އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ އުމުރަށް، ނުވަތަ ޖިސްމާނީ، ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ އެމީހެއްގެ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ،ނުވަތަ މާލީ ފުދުންތެރިކަމަކަށް ނުވަތަ ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް ، ނުވަތަ މިނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެއެވެ.

އެންޓި ޓޯޗާރ ގާނޫނުގެ 10 ވަނަ މާއްދާގެ 5 ގައި ބުނެފައި ވަނީ "ދެ މީހެއްގެ ދެމެދުގައި ތަފާތެއް ކުރުމަށް ގާނޫނުގައި ހުއްދަކޮށްފައި ނެތް ސަބަބެއްގެ މައްޗަށް ބިނާކޮށް، ދެ މީހެއްގެ ދެމެދުގައި، އެއްވެސް ބާވަތެއްގެ ތަފާތެއް ކުރުމަކީ" ޓޯޗާ ކަމަށެވެ.

އެހެންކަމުން ކަރަންޓުގެ އަގު ނެގުމާއި ސަބްސިޑީ ދިނުމުގައި ވެރިރަށް މާލޭގެ ރައްޔިތުންނާއި އައްޑޫގެ ރައްޔިތުންގެ މެދުގައި ތަފާތު ގެންގުޅުމަކީ ޓޯޗާރ އެކެވެ. ރައްޔިތުންނަށް ދެވޭ އަނިޔާއެކެވެ.

އެންޓިޓޯޗާރ ޤާނޫނުގެ ދަށުން ނުހައްޤުން ތަފާތު ކުރުމަކީ ޖިނާއީ ކުށެއް ކަމުގައި ވާއިރު ސަރުކާރުގެ ކުންފުނިތަކުން ދިވެހިރާއްޖޭގެ ބައެއް ރައްޔިތުންގެ މެދުގައި ޚިދުމަތުން އަގު ނެގުމުގައި އާއި ފެނަކަ ކޯޕަރޭޝަނުގެ ވެރިންގެ މައްޗަށް ދައުވާ ނުކުރެވެންވީ ސަބަބެއް އޮތް ކަމަކަށް ނުފެނެއެވެ.