Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ފުލުހުންނާ ގުޅިގެން މައްސަލައެއް ނުބަލަން: އެޗްއާރްސީއެމް

އައްޑޫ ސިޓީގައި ގެވެށި އަނިޔާގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި މީހެއްގެ ގައިގާ އަލިފާން ރޯވި މައްސަލައެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުން ނާއި ހިއުމަން ރައިޓްސް ކޮމިޝަން އިން ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާ ވާހަކަ އެކޮމިޝަންގެ ފަރާތުން ދޮގުކޮށްފި އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނެރަލް ޝައްމޫން ޙަމީދް ވިދާޅުވި ގޮތުގައި އެޗްއާރްސީއެމް އަކީ މިނިވަން މުސްތަޤިއްލު ކޮމިޝަނެއް ކަމަށާއި އެކޮމިޝަނުން ކުރާ ތަޙްޤީޤް ތަކުގައި އެހެން ފަރާތެއް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

އަދި މީގެ އިތުރުން އެޗްއާރްސީއެމް ގެ ފަރާތުން ކުރައްވާ މަސައްކަތްތަކުގެ މައުލޫމާތު ހާމަކުރައްވަން ޖެހޭ ހާލަތްތަކުގައި މައުލޫމާތު ހާމަކުރަމުން ގެންދާނީ އެކޮމިޝަނުގެ ފަރާތުން ކަމަށް ވެސް ޝައްމޫން ވިދާޅުވިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަލިފާން ރޯވެގެން ގެނައި މީހާގެ ހާލު އެހާ ސީރިއަސް އެއް ނޫނެވެ.