Last Updated: May 9, 02:20
Wednesday, May 8, 2024
ކުޅިވަރު

ލެސްޓަ ސިޓީ އެނބުރި ޕްރިމިއާ ލީގަށް

މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުން ރެލިގޭޓްވި ލެސްޓަ ސިޓީ އަނެއްކާވެސް ޕްރިމިއާ ލީގަށް ޕްރޮމޯޓް ވެއްޖެ އެވެ.

ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 2015 ގައި ހޯދި ލެސްޓާ ސިޓީ ލީގަށް އަލުން ޕްރޮމޯޓްވީ ރޭ ޗެމްޕިއަންޝިޕް (ދެވަނަ ޑިވިޝަން ލީގު) ގައި ކިއުޕީއާރް އިން ލީޑްސް ޔުނައިޓެޑް 4-0 އިން ބަލިކުރުމާ ގުޅިގެންނެވެ. ލީޑްސް އަކީ ޗެމްޕިއަންޝިޕްގެ އެއްވަނައިގައި އޮތް ލެސްޓާއާ އެންމެ ގާތުން ވާދަކުރަމުން އަންނަ ޓީމެވެ.

ރޭގެ ނަތީޖާއާއެކު ލެސްޓާ ޕްރިމިއާ ލީގަށް ޕްރޮމޯޓްވީ 44 މެޗުން 94 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި 45 މެޗުން 90 ޕޮއިންޓާ އެކު އޮތީ ލީޑްސް ކަމަށްވާއިރު، ލީޑްސް އަށް ބާކީ ދެން އޮތީ އެންމެ މެޗެކެވެ. އެހެން ކަމުން އެޓީމަށް ލެސްޓާއާ ދެން އަރާ ހަމަ ނުކުރެވޭނެ އެވެ.

ޕްރިމިއާ ލީގުން މިދިޔަ ސީޒަނުގައި ރެލިގޭޓްވުމުން ލެސްޓާ އަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އެގޮތުން އެޓީމުގެ ކޯޗުގެ ކަމުގެ މަގާމުގައި މިހާރު ހުރީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި އެންޒޯ މަރެސްކާ އެވެ.

ލެސްޓާ ޕްރިމިއާ ލީގުން ރެލިގޭޓްވުމުން އެޓީމު ދޫކޮށް ޖޭމްސް މެޑިސަން އާއި ހާވީ ބާންސް މެންފަދަ ކުޅުންތެރިން ދިޔަ ނަމަވެސް ޖޭމީ ވާޑީ އާއި ރިކާޑޯ ޕެރޭރާ އާއި މިޑްފީލްޑަރު ވިލްފްރެޑް އެންޑިޑީ ޔެނިކް ވެސްޓެގާޑް އާއި ޖޭމްސް ޖަސްޓިން މެންފަދަ ކުޅުންތެރިން ޓީމުގައި މަޑުކޮށް މި ސީޒަނުގައި ވަނީ ތަފާތު ދައްކާފަ އެވެ.