Last Updated: May 8, 18:18
Wednesday, May 8, 2024
މުނިފޫހިފިލުވުން

އަކްޝޭގެ "ސްކައި ފޯސް" އޮކްޓޯބަރުގައި

އަކްޝޭ ކުމާރުގެ އޭވިއޭޝަން ފިލްމު "ސްކައިސް ފޯސް" ގެ ޝޫޓިން ނިންމާލައި، އެ ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެެ.

އިއްޔެ ފިލްމުގެ ޝޫޓިން ނިންމާލިކަން އިއުލާން ބުނެފައި ވަނީ ބެލުންތެރިންނަށް ފިލްމު ގެނެސްދޭނީ މި އަހަރުގެ އޮކްޓޯބަރު 2 ގައި ކަމަށެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސްކައި ފޯސް" އަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް ސަންދީޕް ކެލްވާނީ އާއި އަބީޝެކް ކަޕޫރު ޑައިރެކްޓްކުރި ފިލްމެކެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ޝޫޓިން ފެށި ފިލްމުގެ މަންޒަރުތައް އިންޑިއާގެ އެކި ހިސާބުތަކުގެ އިތުރުން އިނގިރޭސިވިލާތާއި އެމެރިކާގައި ވެސް ނަގާފައިވެ އެވެ. "ސްކައި ފޯސް" ގައި އަކްޝޭއާ އެކީ ފެންނާނެ ކާސްޓުންގެ ތެރޭގައި ސާރާ އަލީ ޚާން، ނިމްރަތު ކޯރް، ޝަރަދު ކެލްކަރްގެ އިތުރުން އަލަށް ތައާރަފުކުރާ އެކްޓަރު ވީރް ޕަހަރިއާ ހިމެނެ އެވެ.

ސާރާ ކުރިން ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް ވުނާ ވީރް އަކީ ބަތަލާ ޖާންވީ ކަޕޫރް ރައްޓެހިވެގެން އުޅޭ ކަމަށް އަޑުއަރާފައިވާ ޝިކާރް ޕަހަރިއާގެ ކޮއްކޮ އެވެ. އަދި "ސްކައި ފޯސް" އަކީ އަކީ 2021 ގެ "އަތުރަންގީ ރޭ" އަށް ފަހު އަކްޝޭއާ އެކީ ސާރާ މަސައްކަތްކުރި ދެވަނަ ފިލްމެވެ.

މި އަހަރު ރިލީޒްވި އަކްޝޭގެ ފުރަތަމަ ފިލްމަކީ މި މަހުގެ 11 ގައި ގެނެސްދިން އެކްޝަން ތުރިލާ "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ. އޭނަ ދެން އެންމ އަވަހަށް ފެންނާނީ ޖުލައި 12 އަށް ތާވަލުކޮށްފައި އޮތް "ސަރުފީރާ" އިންނެވެ.