Last Updated: May 8, 13:27
Wednesday, May 8, 2024
ޚަބަރު

ރޭގެ ބޯ ވާރެއަށް ފަހު އައްޑު އަށް އަލިދުވަހެއް

ރޭ އައްޑު އަށް ބޯކޮށް ވާރޭ ވެހި، ގެއްލުންތަކެއް ލިބުނު ނަމަވެސް މިއަދަކީ މޫސުން ރަނގަޅު ދުވަހެކެވެ.

އަވި ދީފައި އޮތް އިރު، ވިއްސާރައިގެ ކުލަވަރެއް އަދިއެއް ނެތެވެ. ރޭ އިރާކޮޅު 7:30 އިން ފެށިގެން ދަންވަރު 1:30 ހަމައަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އައްޑޫގެ އުތުރުން ފުވައްމުލަކަށް ވެސް ވައިޓް އެލާޓް ނެރުނެވެ. އެ އެލާޓް ނެރުނުފތާ ގަޑިއެއްހާ އިރު ފަހުން މޫސުމާ ބެހޭ އިދާރާ އިން އެލާޓް ޔެލޯ އަށް ބަދަލުކުރި އެވެ. އެއީ 8:30 އިން ފެށިގެން ދަންވަރު 12:30 އާ ހަމައަށެވެ.

ރޭ އިރާކޮޅުން ފެށިގެން ވެހުނު ބޯ ވާރޭގައި ބައެއް އަވަށްތަކުގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވި އެވެ. ހާއްސަކޮށް ފޭދޫގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ބައެއް ގޭގެ ފެން ވަދެ، ގެއްލުންތަކެއް ލިބުނެވެ. މިކަމާ ގުޅިގެން ފޭދޫގެ ހަތަރު ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ވެސް ރޭ ފޯރުކޮށް ދޭން ޖެހުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުންޏެވެ.

ފޭދޫގެ 30 އަށް ވުރެ ގިނަ ގެތަކަށް ފެންވަދެފައިވެ އެވެ.

ބޯކޮށް ވާރޭ ވެހި މަގުތަކާއި ބައެއްގެ ގޭގެ ގޯތިތެރޭގައި ފެންބޮޑުވުމާ ގުޅިގެން ފުލުހުންނާއި ސިފައިންނާއި އަވަށްތަކުގެ އަވަށު އޮފީސްތައް ގުޅިގެން ވެލިބަސްތާ ވެލިބަސްތާ ޖެހުމާއި ޕަމްޕް ޖަހައިގެން ފެން ހިއްދަން މަސައްކަތްކޮށްފައިވެ އެވެ.
އައްޑޫގެ ގިނަ އަވަށްތަކުގެ މަގުތައް މި ވަގުތު ހަދަމުން އަންނާތީ، މަގުތައް ހަދަން ކޮނެފައިވުމާއި މަސައްކަތްތައް ނުނިމި ދިގުލައިގެން ގޮސްފައިވާތީ ވާރޭ ވެހޭ ވަގުތަކުގައި މަގުތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ، އާންމުންނަށް މިކަމުގެ ×ސަބަބުން ބޮޑު ތަކުލީއިފެއް އުފުލަން ޖެހިފައިވެ އެވެ.

އައްޑު އަކީ ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ވަރަށް އަވަހަށް ފެންބޮޑުވުމުގެ މައްސަލަ ދިމާވާ ސިޓީއެކެވެ. ނަމަވެސް މި ފަހުން ބައެއް އަވަށްތަކުގެ މަގުތަކުގެ ޑްރެއިނޭޖް ސިސްޓަމްތަކަށް ގެނައި ހެޔޮ ބަދަލުތަކާ ގުޅިގެން، ކުރިން ފެންބޮޑުވާ ބައެއް ސަރަހައްދުތަކުގައި މިހާރު ފެންބޮޑުވުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވެ އެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނެފައި ވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ގަމަށް 167،7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ވެސް އައްޑު އާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.