Last Updated: May 8, 12:00
Wednesday, May 8, 2024
ދުނިޔެ

އިރާގުގެ މަޝްހޫރު ޓިކްޓޮކް ތަރިއަކު މަރާލައިފި

އިރާގުގެ މަޝްހޫރު އަންހެން ޓިކްޓޮކް ތަރިއެއް ކަމަށްވާ އޮމް ފަހަދު މަރާލައިފި އެވެ.

އިއްޔެ އޭނަގެ ގަޔަށް ބަޑި ޖަހައި މަރައިލީ ބަގުދާދުގައި ހުންނަ ގޭގެ ކައިރީގަ އެވެ. މި ހާދިސާއާ ގުޅޭ ގޮތުން އިރާގުގެ އިންޓީރިއާ މިނިސްޓްރީން ބުނީ ހާދިސާ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަމަށް ހާއްސަ ޓީމެއް ވެސް ނަގާފައިވާ ކަމަށެވެ.

މީޑިއާތަކުން ބުނީ ސޯޝަލް މީޑިއާ އިންފުލުއެންސާއެއްގެ ގޮތުގައި އާންމުންގެ ތެރޭގައި ބޮޑު ސަމާލުކަމެއް ހޯދި އަދި އަސްލު ނަމުން ނަމަ ގުފްރާން ސަވާދީ އަށް ހަމަލާ ދިނީ އޭނަ ކާރު ތެރޭގައި އިންދައި ކަމަށާއި ހަމަލާ ދިނީ ސައިކަލެއްގައި ދިޔަ ކާކު ކާކުކަން ނޭނގޭ މީހަކު ބަޑިއަކުން ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އިރާގުގެ ސަލާމަތީ ބާރުތަކުން ބައެއް މީޑިއާތަކަށް ބުނެފައި ވަނީ ފަހަދަށް ހަމަދިން މީހާ އެކަން ކުރީ ކާއެއްޗެހި ޑެލިވަރީކުރާ މީހެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ފަހު ކަމަށެވެ.

ފަހަދަކީ މީގެ އޭނަގެ ޓިކްޓޮކް ކޮންޓެންޓަތަކާ ގުޅިގެން މިދިޔަ އަހަރު ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް ތަންފީޒުކުރި މީހެކެވެ. އޭނަ ޖަލަށްލީ އާންމު މިންގަނޑަށް ނުފެތޭ ކަހަލަ ކޮންޓެންޓްތައް އާންމުކުރާ ކަމަށް ބުނެ ދައުވާކޮށެވެ.