މޯލްޑިވްސް ޒަކާތު ހައުސް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ކުވައިތާ އެކީ މަޝްވަރާކޮށްފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލް ޑރ މާޖިދު ސުލައިމާން އަލްއާޒިމީއާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި މަޝްވަރާކުރީ ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީ ކުރުމާއި މުވައްޒަފުންނާއި ޝަރީޢާ ބޯޑް ތަމްރީނު ކުރުމާއި ޒަކާތުގެ ބެހެނިވެރިންގެ ޝަރުޢީ މިންގަނޑުތަކާ ބެހޭ ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުން މޯލްޑިވްސް ޒަކާތު ހައުސް އުފެއްދީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގަ އެވެ. އަދި އެ އިދާރާ ރަަސްމީކޮށް އިފުތިތާހުކުރީ ޖެނުއަރީ 2 ގަ އެވެ.
ޒަކާތު ހައުސްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީ ކުރަން މަސައްކަތްކުރުމުވެ.