އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި ވެސްޓްހަމް ޔުނައިޓެޑް 2-2 އިން އެއްވަރުވި މެޗުގެ ތެރެއިން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އާއި އެޓީމުގެ ފޯވާޑް މުހައްމަދު ސަލާ އާއި ދެމެދު އަރާރުމެއް ހިނގައިފި އެވެ.
އިއްޔެގެ މެޗަށް ލިވަޕޫލުން ނެރުނު ފުރަތަމަ އެގާރަ އިން ސަލާ އަށް ފުރުސަތު ދީފައި ނުވާއިރު، އޭނާ ކުޅެން އެރުވީ މެޗުގެ ފަހު 10 މިނެޓަށެވެ. ސަލާ އާއި ކްލޮޕް އާއި ދެމެދު އަރާރުމެއް ހިނގީ އޭނާ ކުޅެން އަރަން ތައްޔާރުވެފައިވަނިކޮށެވެ. އެގޮތުން ސަލާ ކައިރީ ކްލޮޕް ކޮންމެވެސް އެއްޗެކޭ ބުނުމުން އެކަމާ ހިތްހަމަނުޖެހިގެން ރައްދުގައި ކްލޮޕްއާ ދިމާލަށް ސަލާ ބަހުގެ ހަމަލާތަކެއް އަމާޒުކުރި މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ.
މެޗަށްފަހު އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަރާރުން ހިނގީ ކޮން ކަމަކާ ގުޅިގެންކަން ހާމަކުރަން ކްލޮޕް ވަނީ ދެކޮޅު ހަދާފަ އެވެ. އެކަމާ ގުޅޭ ގޮތުން ސަލާއާ އެކީ ވާހަަކަ ދައްކާފައިވާ ކަމަށާއި އެކަމަކީ މިހާރު އޭނާ އަށް ނިމިފައި އޮތް ކަމެއް ކަމަށްވެސް ކްލޮޕް ބުންޏެވެ.
އިއްޔެގެ މެޗުގެ ނަތީޖާއާ އެކު ލިވަޕޫލަށް މިހާރު ވަނީ ލީގު ހޯދުމުގެ ފުރުސަތު ގާތްގަނޑަކަށް ބަންދުވެފަ އެވެ. ލިވަޕޫލް މިހާރު އޮތީ 35 މެޗުން ލިބުނު 75 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ދެވަނައިގައި 33 މެޗުން 76 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު އެއްވަނައިގައި 34 މެޗުން 77 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ.
ލީގުގައި މިރޭ އާސެނަލް އިން ޓޮޓެންހަމްއާ ބައްދަލުކުރާއިރު، ސިޓީ ނިކުންނާނީ ނޮޓިންހަމް ފޮރެސްޓްއާ ދެކޮޅަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ނިއުކާސަލް ޔުނައިޓެޑް އަތުން 1-5 އިން ބަލިވެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް މިހާރު ވަނީ ލީގުން ރެލިގޭޓްވެފަ އެވެ. މެންޗެސްޓާ ޔުނައިޓެޑާއި ބާންލީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ޗެލްސީން ވަނީ ފަހަތުން އަރާ އެސްޓަންވިލާއާ 2-2 އިން އެއްވަރުކޮށްފަ އެވެ. ވުލްވްސް އިން 2-1 އިން ލޫޓަން ބަލިކުރިއިރު، ފުލަމް އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި އެވަޓަން އިން ވަނީ 1-0 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ.