Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ޕީއެސްޖީ އަށް 12 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން

ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީން 12 ވަނަ ފަހަރަށް ހޯދައިފި އެވެ.

ޕީއެސްޖީ އަށް ލީގު ޗެމްޕިއަންކަން ލިބުނީ ލީގުގައި އެޓީމާ އެންމެ ގާތުން ވާދަކުރަމުން އައި މޮނާކޯ ރޭ ލިޔޯން އަތުން 3-2 އިން ބަލިވުމާ ގުޅިގެންނެވެ.

ލީގުގައި ބާކީ ތިން މެޗު ބާކީ އޮއްވާ ޕީއެސްޖީން ޗެމްޕިއަންކަން ހޯދީ 31 މެޗުން ލިބުނު 70 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 31 މެޗުން 58 ޕޮއިންޓު ހޯދައިގެން މޮނާކޯ އޮތްއިރު އެޓީމަށް ދެން ޕީއެސްޖީއާ އަރާ ހަމަ ނުކުރެވޭނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުން މޮޅުވެގެން ވެސް ޕީއެސްޖީ އަށް ލީގު ޗެމްޕިއަންކަން ކަށަވަރު ކުރެވެން އޮތެވެ. ނަމަވެސް ލީގުގެ 15 ވަނައިގައި އޮތް ލެ ހާވްރޭއާ ބައްދަލުކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު ޕީއެސްޖީގެ އަމާޒު މިހާރު ހުރީ ޗެމްޕިއަންސް ލީގަށެވެ. އެ މުބާރާތުގެ ސެމީފައިނަލްގައި ޕީއެސްޖީ ބައްދަލުކުރާނީ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްއާ އެވެ. ސެމީގެ ފުރަތަމަ ލެގުގެ މެޗު އަންނަ ބުދަ ދުވަހު އޮންނާނެ އެވެ.