Last Updated: May 17, 11:50
Friday, May 17, 2024
ޚަބަރު

ތަންފީޒު ނުކުރެވޭނަމަ ޤާނޫނު ހެދުމުގެ ބޭނުމެއް ނެތް

މެންބަރު އަހުމަދު އާމިރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި ހަދާ ޤާނޫނުތައް ތަންފީޒު ނުކުރެވޭނަމަ ޤާނޫނު ހެދުމުގެ ބޭނުމެއް ނެތް ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ އަބްދުލްޙަކީމް ހުށަހެޅުއްވި ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ ކޮޕީރައިޓާއި ބެހޭ ޤާނޫނެއް އޭގެ ފުރިހަމަ ގޮތުގައި ތަންފީޒުވާނޭ ގޮތަށް ވުޖޫދުވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަކީ 2010 ވަނަ އަހަރު ވުޖޫދު ކުރެވުނު ޤާނޫނެއްކަން ފާހަގަކޮށް އާމިރު ވަނީ އެ ޤާނޫނަށް އަމަލުކުރެވިފައި ހުރީ އަދި ތަންފީޒު ކުރެވުނީ ކިހާމިންވަރަކަށްތޯ ސުވާލު އުފައްދަވާފައެވެ. އާމިރު ވިދާޅުވީ ރާއްޖޭގައި ކޮޕީރައިޓާ ބެހޭ ޤާނޫނު ރަނގަޅަށް ތަންފީޒުކުރެވޭނަމަ ރާއްޖޭގައި އުފައްދާ އުފެއްދުންތަކަށް އޭގެ ހިމާޔަތް ލިބޭނެ ކަމަށެވެ.

އާމިރު ވިދާޅުވީ މިވަގުތު މުހިންމު ވަނީ ކޮޕީރައިޓާ ބެހޭ ޤާނޫނު އިސްލާހު ކުރުން ނޫން ކަމަށާއި މުހިންމީ އެ ޤާނޫނު ތަންފީޒު ކުރުން ކަމަށެވެ.

"ދިވެހިރާއްޖޭގައި ހަދާ ޤާނޫނުތައް ތަންފީޒުނުކުރެވެނީ ކަމަށްވަންޏާ، ޤާނޫނުތަކަށް އިސްލާހުގެނެސް ޤާނޫނު ހެދުމުގެ މާބޮޑު ބޭނުމެއް ނެތް." އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވި ރާއްޖޭގައި އުފައްދާ އުފެއްދުންތަކަށް ޤާނޫނީ ހިމާޔަތް ލިބެންޖެހޭ ކަމަށާއި، މި ޤާނޫނުގެ ތެރެއިން އެކަން ނުވާނަމަ ކޮޕީރައިޓް ޤާނޫނެއްގެ ބޭނުން ނެތް ކަމަށެވެ. އަދި މިފަދަ ޤާނޫނަކުން ރާއްޖޭގެ މަސައްކަތްތެރިންގެ ހައްޤުތައްވެސް ހިމާޔަތްވާންޖެހޭ ކަމަށް ވިދާޅުވިއެވެ.