Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

"އަހާ" ގެ އާ ފޯރަމް މިރޭ އޮންނާނެ

ސަރުކާރުގެ މިނިސްޓަރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ބާއްވަން ފެށި "އަހާ" ފޯރަމްގެ އިތުރު ފޯރަމް މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.

މިރޭގެ ފޯރަމް ފަށަން ހަމަޖެހިފައި ވަނީ 8:30 ގަ އެވެ. މި ފޯރަމްގައި ފަސް މިނިސްޓަރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނާއި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާގެ އިތުރުން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ.

މިރޭގެ ފޯރަމްގައި މިނިސްޓަރުންނާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކަށް ސުވާލު ފޮނުވުމުގެ ފުރުސަތު މީގެ ދެ ދުވަސް ކުރިން އޮތީ ހުޅުވާލައިފަ އެވެ. އެގޮތުން މިހާރު ވެސް ސުވާލު ފޮނުވޭނެ އެވެ. ސުވާލުތައް ފޮނުވާނީ AH ޖަހާފައި 300 އަށެވެ.

"އަހާ" ގެ ފުރަތަމަ ބޭއްވީ ޖެނުއަރީ 25 ގަ އެވެ. އެ ފޯރަމްގައި ވެސް ފަސް މިނިސްޓަރަކު ބައިވެރިވެވަޑައިގަތެވެ. އޭގެ ފަހުން ރައީސް ޑރ. މުއިއްޒާ އެކީ ވެސް ފޯރަމެއް ބޭއްވި އެވެ.

"އަހާ" ފޯރަމަކީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ ފޯރަމެކެވެ.