Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ފުރަތަމަ ކުއާޓަރުގައި 493 މިލިއަންގެ ފައިދާއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލްގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ނަތީޖާ ދައްކާ ގޮތުން، ހިންގުމުގެ ފައިދާއަށް 708 މިލިއަން ރުފިޔާ ލިބުނެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައި ބަލާއިރު 5.7 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

މި ކުއާޓަރުގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ކުރިއެރުން ލިބިފައިވާ ކަން ފާހަގަކޮށް ބީއެމްއެލްއިން ބުނީ އެ ބެންކުން ދޫކުރި ލޯނުތަކުގެ ފެންވަރު ކުރިއަށް ވުރެ ރަނގަޅުވެފައިވާ ކަމަށެވެ.

އެ ބެންކުން ވަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް މި ކުއާޓަރުގައި 967 މިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފަ އެވެ. ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީގައި ހިފެހެއްޓިފައި ހުރި ކަމަށާއި ކުއާޓާ ނިމުނުއިރު ޖުމްލަ އެސެޓް 46.3 އަށް އަރާފައިވާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މި ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ކާލް ސްޓުމްކަ ވިދާޅުވީ މިއަހަރުގެ ފެށިފައި މިވަނީ ވަރަށް ހަރުދަނާ ގޮތެއްގައި ކަމަށާއި އިގްތިސާދީ މާހައުލު ދަށަށް ދިޔަ ނަމަވެސް ބޭންކުގެ ވިޔަފާރީގައި ހަލުވި ދުވެލި ދަމަހައްޓައި، ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓްރެޓެޖީއާ ހާސިލްކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޕާރސަނަލް ލޯނާއި ފައިނޭންސިންގ އަށް ވަގުތުން އެޕްރޫވަލް ލިބޭނެގޮތް ލޯންޗްކުރެވި، ބޭންކިންގ ވިއުގަ ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު. މި ފަދަ މަސައްކަތްތަކުގެ ނަތީޖާއިން ސްޓްރެޓެޖީ ހާސިލްކުރުމުގައި ރަނގަޅު ކުރިއެރުމެއް ހޯދަމުންދާކަން އަޅުގަނޑު އުފަލާއެކު ފާހަގަ ކުރަން." ބޭންކުގެ ސީއީއޯ ވިދާޅުވި އެވެ،

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 38 ބްރާންޗާއި ސަރވިސް ސެންޓަރ، 86 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 142 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.