Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ލެވެންޑޯސްކީގެ ހެޓްރިކުން ބާސާ މޮޅުވެއްޖެ

ސްޕެނިޝް ލީގުގައި ރޭ ރޮބަޓް ލެވެންޑޯސްކީގެ ހެޓްރިކުން ބާސެލޯނާ އިން 4-2 އިން ވެލެންސިއާ ބަލިކޮށްފި އެވެ.

މި މޮޅާ އެކު ބާސާ ލީގުގެ ދެވަނައިގައި އޮތީ 33 މެޗުން ލިބުނު 73 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި 33 މެޗުން ލިބުނު 84 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ. ލީގުގައި ބާކީ ދެން އޮތީ ފަސް މެޗެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 22 ވަނަ މިނެޓްގައި ބާސާ އިން ވަނީ ލީޑު ނަގާފަ އެވެ. ރަފީނިއާ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ބާސާ އަށް ލީޑު ނަގައިދިނީ ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް އެވެ. ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ބާސާގެ ގޯލްކީޕަރު އަންދްރޭ ޓާ ސްޓޭގަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ހޫގޯ ޑޫރޯ ވަނީ ވެލެންސިއާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

އަދި މެޗުގެ 38 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޕެޕެލޫ ވަނީ ވެލެންސިއާ އަށް ލީޑު ނަގައިދީފަ އެވެ. މިއީ ބާސާގެ ޑިފެންޑަރު ރޮނަލްޑް އަރައުހޯ ވެލެންސިއާގެ ޑޫރޯ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ވެލެންސިއާ ލީޑާއެކު ރަނގަޅަށް ކުޅެމުން ދަނިކޮށް އެޓީމަށް މައްސަލަތަކެއް ދިމާވީ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ އެޓީމުގެ ގޯލްކީޕަރު ޖިއޯޖީ މާމަޑާޝްވިލީ އަށް ރަތްކާޑު ދެއްކުމުންނެވެ. އޭނާ އަށް ރަތްކާޑު ދެއްކީ އޭރިއާގެ ބޭރުން ބޯޅައިގައި އަތްލުމުންނެވެ.

މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާ އެކު ވެލެންސިއާ އިން ފުރިހަމަ ކުރަން ޖެހުނުއިރު، ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ލެވެންޑޯސްކީ ވަނީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ 82 ވަނަ މިނެޓްގައި ލެވެންޑޯސްކީ ބާސާ އަށް ލީޑު ނަގައިދިން އިރު އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށް ލެވެންޑޯސްކީ ހެޓްރިކް ފުރިހަމަ ކުރީ އޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުމެއް ގޯލަށް ވައްދާލައިގެންނެވެ. މިއީ މި ސީޒަނުގައި ލެވެންޑޯސްކީ ހެދި ފުރަތަމަ ހެޓްރިކެވެ.

ލީގުގައި ބާސެލޯނާ ދެން ބައްދަލުކުރާނީ ތިންވަނައިގައި އޮތް ޖިރޯނާއާ އެވެ.