Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

މޯލްޑިވިއަންގެ ދަތުރުތައް ޗައިނާ އާއި ޔޫރަޕަށް

ގައުމީ އެއާލައިން، މޯލްޑިވިއަނަށް ގެންނަން ނިންމާފައިވާ ވައިޑް ބޮޑީ ބޯޓްތަކާ އެކީ މި އަހަރުގެ ތެރޭގައި ޗައިނާ އާއި ޔޫރަޕްގެ ބައެއް ހިސާބުތަކަށް ދަތުރުތައް ފަށަން އަމާޒު ހިފާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ފަސް މިނިސްޓަރަކާ އެކީ ރޭ ބޭއްވި "އަހާ" ގެ ތިން ވަނަ ފޯރަމްގައި މިނިސްޓަރު ވިދާޅުވީ މޯލްޑިވިއަނަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ވިޔަސް އެ އެއާލައިނުން ބޭރުގެ ގައުމުތަކަށް ޓޫރިޒަމް ސެކްޓަރަށް ހާއްސަކޮށްގެން ދަތުރުތަކެއް ރޭއްވުމުން އިގުތިސާދަށް ބޮޑެތި ފައިދާތަކެއް ކުރަން މަގުފަހިވާނެ ކަމަށެވެ.

އެއީ ގައުމުގެ ސަލާމަތަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރުއަމީން ވިދާޅުވީ ވައިޑް ބޮޑީ މަތިންދާބޯޓް ރާއްޖެ ގެނެސް އެ ރެޖިސްޓްރީ ބަދަލުކޮށް ކަންކަން ކުރުމަކީ ވަރަށް ވަގުތު ނަގާ ދިގު ޕްރޮސެސްއެއް ކަމަށާއި ނަމަވެސް މި އަހަރުގެ ތެރޭގައި އެކަން ވާނެ ކަމަށެވެ. އެގޮތުން މި އަހަރުގެ އޮކްޓޯބަރު ނުވަތަ ނޮވެންބަރު ތެރޭގައި ޗައިނާގެ ބައެއް ސިޓީތަކަށާއި ޔޫރަޕު ބައެއް ގައުމުތަކަށް ދަތުރު ފެށުމުގެ އުންމީދު އޮތް ކަމަށް ވިދާޅުވި އެވެ.

"މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ އޮކްޓޯބަރު ފަހުކޮޅު ނުވަތަ ނޮވެމްބަރާ ހަމައަށް ދާއިރު އަޅުގަނޑުމެންގެ ގައުމީ އެއާލައިން ޗައިނާގެ ސިޓީތަކަށާއި ޔޫރަޕްގެ ބައެއް ސިޓީތަކަށް ފެށުމަށްޓަކައި މި ދަނީ ޝެޑިއުލްކޮށް ފެއްޓޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން. އެ ހިސާބަށް ދާއިރު އޮންނާނީ ވައިޑް ބޮޑީ އޮޕަރޭޝަންސްއާ އެކީގައި ފެށިފައި."

އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން އޮޕަރޭޓްކުރާ މޯލްޑިވިއަނުން މިހާރު ޝެޑިއުލް ދަތުރުތައް ބާއްވާ ބޭރު ގައުމުތަކި އަވައްޓެރި އިންޑިއާ އާއި ސްރީ ލަންކާ އެވެ.