ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނު ކަމުގެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ބޭސް ފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
މިއަދުގެ ހެނދުނުގެ ވަގުތެއްގައި ނާޒިމްއާ އެކު ސިންގަޕޫރަށް ވަަޑައިގެންފައިވަނީ އޭނާގެ އަބިކަނބަލުން އަފާފު އާއި ނާޒިމްގެ ކޮއްކޮ އަދި އެސްޓިއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމްއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޭސްފަރުވާއަށް ކުރަން ޖެހޭ ހުރިހާ ޚަރަދެއް ކުރައްވަން ޖެހެނީ ނާޒިމް އަމިއްލަ ފުޅަށެވެ. ކަރެކްޝަނަލް ސާވިސް އިން ނާޒިމް އަށް ހުއްދަ ދީފައި ވަނީ 45 ދުވަހަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށެވެ.
ނާޒިމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ކޯޓުގައި ކުރިއަށް ދިޔައިރު ވެސް ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދައަކަށް ނާޒިމް އެދިވަޑައިގެންނެވި އެވެ. އޭރު މައްސަލަ ބެއްލެވި ފަނޑިޔާރުން ނިންމެވީ ނާޒިމްގެ ބައްޔަކީ ކޯޓަށް ހާޒިރު ނުވެވޭ ވަރުގެ ބައްޔެއް ކަމަކަށް ޑޮކްޓަރުގެ ލިޔުންތަކުގައި ފާހަގަކޮށްފައި ނުވާ ކަމަށެވެ.