Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

"ވިނަރެސް" ގަންނަން ހުށަހެޅި ފޯމްތައް ބާތިލު!

ހުޅުމާލޭގެ "ވިނަރެސް" ފްލެޓް މަޝްރޫއު އިން އެޕާޓްމަންޓްތައް ގަންނަން އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ފޯމްތައް ބާތިލުކޮށްފި އެވެ.

މިކަމާ ގުޅޭ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނޮވެމްބަރު 5، 2023 ގައި އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް މަޝްރޫއުން އެޕާޓްމަންޓް ގަތުމަށް ހުޅުވާލި ފުރުސަތުގައި ފޯމް ހުށަހެޅުމަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެފައިވާތީ އެ އެޕްލިކޭޝަންތައް ބާތިލުކުރީ ކަމަށެވެ. އަދި އެކަމާ ގުޅިގެން ގިނަ ޝަކުވާތަކެއް ވެސް ލިބިފައިވާ ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ

އެޗްޑީސީން ބުނީ ހުޅުމާލޭގައި ފްލެޓް އިމާރާތް ކުރުމަށް ފަށާފައިވާ އެކިއެކި މަޝްރޫއުތަކުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކައި، ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައިވުމުން ބޯހިޔާވަހިކަމެއް ލިބިފައި ނުވާ ގިނަ ބައެއްގެ ޝަކުވާ އެ ކޯޕަރޭޝަނަށް ތަކުރާރުކޮށް ލިބެމުންދާ ކަމަށެވެ.

އެހެންވެ އެ ފަރާތްތަކަށް ބޯހިޔާވަހިކަމެއް ހޯދައި ދިނުމަށް މިހާރުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން "ވިނަރެސް" މަޝްރޫއުގެ ތެރެއިން ފުރުސަތު ތަނަވަސްވާ މިންވަރަކުން ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާތީ، ވިނަރެސް އެޕާޓްމަންޓް ވިއްކުމަށް އިތުރަށް ހުޅުވާނުލާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

"ސަރުކާރުގެ އަމާޒާ އެއްގޮތަށް ބޯހިޔާވަހިކަމުގެ އިތުރު ފުރުސަތު ތަނަވަސްކޮށް، މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯދައި ދިނުމަށް މި ކޯޕަރޭޝަނުން އަންނަނީ މަސައްކަތް ކުރަމުން." އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ވަނީ "ވިނަރެސް" އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރާކަމުގެ ޝަކުވާ ވެސް ލިބިފައި ވާތީ، އެފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސް ވެސް ކޮށްފަ އެވެ.