Last Updated: May 18, 10:45
Saturday, May 18, 2024
ޚަބަރު

ހައްޖު ދަތުރުތައް އަގުހެޔޮ ކުރަން މަސައްކަތް ފަށައިފި

އުމްރާއަށް ފުރި ބަޔަކާއެކު ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލު - ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖު ދަތުރުތައް އަގުހެޔޮ ކުރަން މަސައްކަތް ހައްޖު ކޯޕަރޭޝަނުން މަސައްކަތް ފަށައިފި އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިރޭ ވިދާޅުވީ ޙައްޖު ފަންޑުގެ ނަމުގައި ޚާއްސަ ފަންޑެއް ގާއިމްކޮށް ޙައްޖަށް ދިއުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. ޙައްޖު ފަންޑުން އެކިއެކި އިންވެސްޓްމަންޓްތައް ކޮށް ކުންފުންޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ޙައްޖު ކޯޕަރޭޝަން ހަދާނެ ކަމަށް ޝަކީލް ވިދާޅުވި އެވެ.

"ޙައްޖަށް ދިއުމަށް ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކާ އެކު ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ހައްޖު ކޯޕަރޭޝަނުން ފަށައިފިން،" ޝަކީލް ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ މި އަހަރުގެ ހައްޖު ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ދޭން ނިންމައިފަ އެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ މި ބަދަލަކީ ވެސް ހައްޖު ދަތުރަށް ކުރާ އަގު ހިފަހެއްޓުމަށް ބާރު އެޅުން ކަމަށެވެ.

މީގެ ކުރިން އެކިއެކި ކުންފުނިތަކުން ތަފާތު އެކި އަގުތައް ނަގައިގެން މީހުން ހައްޖަށް ގެންގޮސްފައިވެ އެވެ.