Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ފުރަތަމަ ލެގުގައި ރެއާލާއި ބަޔާން އެއްވަރު

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ރެއާލް މެޑްރިޑާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ބަޔާނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނިކޮށް، މެޗުގެ 24 ވަނަ މިނެޓްގައި ރެއާލުން ވަނީ ލީޑު ނަގައި ބަޔާން ސިއްސުވާލާފަ އެވެ. ޓޯނީ ކްރޫސް ދިން ރީތި ޕާހަކުން މި ގޯލު ރެއާލަށް ކާމިޔާބުކޮށްދިނީ ވިނީޝަސް ޖޫނިއާ އެވެ.

ރެއާލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 52 ވަނަ މިނެޓްގައި ލީރޯއި ސާނޭ ވަނީ ބަޔާނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ރެއާލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުން ސާނޭ ކާމިޔާބު ކުރި ގޯލެކެވެ. އަދި އޭގެ ފަސް މިނެޓް ފަހުން ލިބުނު ޕެނަލްޓީއަކުން ހޭރީ ކޭން ވަނީ ބަޔާނަށް ލީޑު ނަގައިދީފަ އެވެ. މިއީ ބަޔާންގެ ޖަމާލް މުސިއާލާ އަށް އޭރިއާގެ ތެރެއިން ރެއާލްގެ ލޫކަސް ވަޒްކުއޭޒް ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެކެވެ.

އޭގެ ފަހުން ބަޔާނަށް ތިން ވަނަ ލަނޑެއް ޖަހަން ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.

މި މެޗުގައި ރެއާލަށް އެއްވަރުކޮށްދިން ގޯޅު ޖެހީ ވެސް ވިނީޝަސް އެވެ. މިއީ މެޗުގެ 83 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ. މި ޕެނަލްޓީ ލިބުނީ ބަޔާންގެ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރު ކިމް މިން ޖޭއި، ރެއާލްގެ ރޮޑްރީގޯ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މި ދެ ޓީމު ރެއާލްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފްތާގެ ބުދަ ދުވަހު އެވެ.