Last Updated: May 18, 12:02
Saturday, May 18, 2024
ޚަބަރު

މައުމޫން ސުޕްރީމް ކޯޓަށް

ކުރީގެ ރައީސް މައުމޫން އަބްދުކް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި އަދި މިހާރު އުވާފާލާފައި އޮތް ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން އެމްޓީސީސީ އަށް ދައްކަންޖެހިފައި އޮތް ފައިސާމް ދައްކަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކުރުމުން އެމްޓީސީސީ އިން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ކޯޓުން ބޭރުކޮށްފައި ނުވާތީ އެ މައްސަލަ ރައީސް މައުމޫން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ޑީއާރްޕީން އެ ކުންފުންޏަށް 1.1 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް އެމްޓީސީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައިވެ އެވެ. އެ ފައިސާގެ މައްސަލަ ހިނގި ދުވަސްވަރު ޑީއާރްޕީގެ ޒައީމަކީ މައުމޫން ކަމަށްވާތީ ފައިސާ ދެއްކުމަށް ރައީސް މައުމޫންގެ މައްޗަށް އަމުރުކޮށް ދިނުމަށްވެސް އެމްޓީސީސީ އިން ދަށު ކޯޓުގައި އެދުނެވެ. އެކަމަކު ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޖޫން މަހު މައްސަލަ ނިންމީ އެމްޓީސީސީން ބުނާ ފައިސާ ދެއްކުމަށް މައުމޫންގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށެވެ.

ނަމަވެސް މަދަނީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދަށު ކޯޓުން މައްސަލައެއް ނިންމާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއް އިސްތިއުނާފް ކުރަން ޖެހެ އެވެ.

އެމްޓީސީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމީ ޖޫން 8، 2023 ގަ އެވެ. އެ މައްސަލަ އެ ކުންފުނިން ޖުލައި 9، 2023 ވަނަ ދުވަހުގެ ކުރިން ހައިކޯޓުގައި އިސްތިއުނާފް ކުރަން ޖެހެ އެވެ. ނަމަވެސް އެމްޓީސީސީންމައްސަލަ އިސްތިއުނާފް ކުރީ ޖުލައި 10، 2023 ގައެވެ.

އެ ކުންފުނި ހައި ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގައި ރައީސް މައުމޫންގެ ފަރާތްޕުޅުން އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އިސްތިއުނާފް ކުރި ތާރީހާ ގުޅޭ މައްސަލަ ނެންގެވި އެވެ. އެކަމަކު ހައި ކޯޓުން މިދިޔަ މަހު ނިންމީ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ހައިކޯޓުގެ ނިންމުން ރައީސް މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ މިދިޔަވ ހަފުތާގަ އެވެ. އެކަމަކު އެ މައްސަލަ ކޯޓަށް ބަލައިގަތުމާ މެދު އަދި ވަކި ގޮތެއް ނިންމައިފައެއް ނުވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޑީއާރްޕީ އުވާލީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީތަކުގެ ތެރޭގައި ޕީޕީއެމާއި އެމްއާރްއާރްއެމް ވެސް ހިމެނެ އެވެ.