Last Updated: July 21, 18:02
Tuesday, July 21, 2026
މުނިފޫހިފިލުވުން

އިބްރާހީމް ރަސްމީކޮށް އިންސްޓަގްރާމަށް

ޕޫމާގެ އުފެއްދުންތައް އިންޑިއާގައި އިޝްތިހާރު ކުރަން ލިބުނު ފުރުސަތާ އެކީ އިބްރާހީމް އަލީ ޚާން ރަސްމީކޮށް އިންސްޓަގްރާމާ ގުޅިއްޖެ އެވެ.

އިބްރާހީމް، 21، އަކީ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ދަރިއެކެވެ. އަދި ބަތަލާ ސާރާ އަލީ ޚާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.

އިބްރާހީމް އިންސްޓަގްރާމާ ގުޅުމާއި ޕޫމާ އިން ލިބުނު ފުރުސަތާ ގުޅިގެން މަރުހަބާ ކީ މީހުންގެ ތެރޭގައި ދޮންމަންމަ އަދި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރްގެ އިތުރުން "ސަރުޒަމީން" ކިޔާ ފިލްމަކުން އިބްރާހީމް ބޮލީވުޑަށް ނެރެން ނިންމާފައިވާ ޕްރޮޑިއުސަރު ކަރަން ޖޯހަރާއި އެ ފިލްމުގެ ޑައިރެކްޓަރު ކެޔޯޒް އިރާނީ ހިމެނެ އެވެ.

އިބްރާހީމްގެ ފުރަތަމަ ޕޯސްޓަށް ކަރީނާ ކުރި ކޮމެންޓެއްގައި އޭނަގެ ވަނަން "އިގީ" ޖަހާފައި މަރުހަބާ ކިޔައި ބުނެފައި ވަނީ ދެ މީހުން އެކީގައި ދެން ވަރަށް އަވަހަށް ޕޫމާ އިންޑިއާ އަށް ޝޫޓްކުރަންވީ ކަމަށެވެ. ކަރީނާ އަކީ ވެސް ޕޫމާ އިންޑިއާގެ ބްރޭންޑް އެމްބެސެޑަރެކެވެ.

އިބްރާހީމް ކުޑައިރު ކަރީނާ އާއި ބައްޕަގެ ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ 2008 ގެ ފިލްމު "ތަޝަން" ގަ އެވެ.

އިބްރާހީމް ބޮލީވުޑަށް ތައާރަފު ކުރަން ހަމަޖެހިފައިވާ ފިލްމު "ސަރުޒަމީން" ގެ މަސައްކަތް މިދިޔަ އަހަރު ނިންމާފައި އޮތް ނަމަވެސް އެ ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މި ފިލްމުގެ އިތުރުން އިބްރާހީމް ވަނީ ކަރަންގެ ދަރުމާ ޕްރޮޑަކްޝަނަށް "ނާދާނިޔާން" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް މިދިޔަ މަހު ނިންމައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދަރުމާ އާއި މެޑޮކް ފިލްމްސް ގުޅިގެން ހަދަން ނިންމާފައިވާ ތިނެސްކަން ލޯބީގެ ފިލްމަކަށް ވެސް އިބްރާހީމް މިހާރު އަންނަނީ ތައްތާރުވަމުންނެވެ. ގިނަ ބަޔަކު މިހާރު ތިބީ އޭނަގެ ފުރަތަމަ ފިލްމުގެ އިންތިޒާރުގަ އެވެ.