Last Updated: May 18, 10:25
Saturday, May 18, 2024
ޚަބަރު

އެސްޓީއޯގެ ސާފު ފައިދާ އަށް 195 މިލިއަން

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 195 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވާ އިރު، މިއީ ކުރީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 12 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެސްޓީއޯ އިން ބުނީ ޖުމްލަ އާމްދަނީ އިތުރުވީ ތެލުގެ ވިޔަފާރި ރަނގަޅުވުމާއި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރި ރަނގަޅުވެފައިވުމުން ކަމަށެވެ. އެހެންވެ އާމްދަނީ އިތުރުވުމާ އެކު ޖުމްލަ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 617 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓަރާ އަޅާބަލާ އިރު 18 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ ޕްރޮވިޝަންސް އިތުރުވުމާ އެކު ވިޔަފާރި ކުރުމުގެ ހަރަދު އިތުރުވި ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިންގުމުގެ ހަރަދު ކުޑަކުރެވުމާ އެކު މި ކުއާޓަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 308 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެއީ 19 ޕަސެންޓްގެ އިތުރުވުމެކެވެ.

އެސްޓީއޯ އިން ބުނީ ޓެކްހަށް ކެނޑުމުގެ ކުރިން ފުރަތަމަ ކުއާޓަރުގެ ސާފު ފައިދާ އަކީ 235 މިލިއަން ރުފިޔާ ކަމަށެވެ. އަދި މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 46 ޕަސެންޓްގެ ކުރިއެރުމެކެވެ. އެ ކުންފުނިން ބުނީ ހިންގުމުގެ ހަރަދު ކުޑަކުރެވިފައިވާތީ އެއީ ވެސް ފައިދާ އިތުރުވާން ބޮޑު ބާރަކަށްވި ކަމަށެވެ.