އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން 2-0 އިން ޓޮޓެންހަމް ބަލިކޮށްފި އެވެ.
މި މޮޅާއެކު 34 މެޗުން ލިބުނު 51 ޕޮއިންޓާ އެކު ޗެލްސީ އޮތީ ލީގުގެ 8 ވަނައިގަ އެވެ. ޓޮޓެންހަމް އޮތީ 34 މެޗުން 60 ޕޮއިންޓު ހޯދައިގެން ލީގުގެ ފަސްވަނައިގަ އެވެ. ރޭގެ މެޗުން ބަލިވުމުން ލީގުގެ ހަތަރަކަށް އަރަން ޓޮޓެންހަމުން ކުރަމުން އަންނަ އުއްމީދުތަކަށް ވަނީ ހުރަސް އެޅިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 24 ވަނަ މިނެޓްގައި ޗެލްސީން ވަނީ ލީޑު ނަގާފަ އެވެ. ކޯނާ ގަލެގާ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ގޯލަށް ވައްދާލައިގެން ޗެލްސީ އަށް ލީޑު ނަގައިދިނީ އެޓީމުގެ ޑިފެންޑަރު ޓްރެވާ ޗަލޯބާ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ޓޮޓެންހަމްގެ ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
ދެވަނަ ހާފުގައި ޓޮޓެންހަމުން ރަނގަޅަށް ކުޅެމުންދަނިކޮށް، މެޗުގެ 72 ވަނަ މިނެޓްގައި ނިކޮލަސް ޖެކްސަން ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ކޯލް ޕާމާ ފޮނުވާލި ހިލޭޖެހުމެއް ގޯލުގެ ދަނޑީގައި ޖެހިފައި ނިކުތް ވަގުތު ޖެކްސަން ބޯޅަ ގޯލަށް ވައްދާލީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މިއީ ލީގުގައި ޖެކްސަން ކާމިޔާބުކުރި 11 ވަނަ ގޯލެވެ.
މި ގޯލަށް ފަހު ވެސް ޗެލްސީން ވަނީ ކައުންޓަ އެޓޭކުތަކުގައި ޓޮޓެންހަމްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތްކޮށްފަ އެވެ.
ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި ވެސްޓްހަމް ޔުނައިޓެޑާ އެވެ. ޓޮޓެންހަމް ރަށުން ބޭރުގައި ނިކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ.