ފޭދޫގައި އެކްސިޑެންޓްވެގެން ލިބުނު ޒަޚަމްތަކަށް ފަރުވާ އަށް މާލެ ފޮނުވާލި ހިތަދޫ ފަސްމާ އަހުމަދު ސައްމާހް އިތުރު ފަރުވާ އަށް ރާއްޖޭން ބޭރަށް ގެންދަން ތައްޔާރުވަމުން އަންނަ ކަމަށް އާއިލާ އިން މައުލޫމާތު ދީފިއެވެ.
އާއިލާގެ ފަރާތުން މައުލޫމާތު ދޭގޮތުގައި ސައްމާހުގެ ބޯ ފަޅައިގެން ގޮސް، ސިކުނޑި އަަށް ލޭ އެޅުން ފިޔަވައި އިތުރު ބޮޑު އަނިޔާއެއް ލިބިފައެއް ނުވާ ކަމަށާއި މަސައްކަތް ކުރަމުންދަނީ މިއަދު ނުވަތަ މިރޭގެ ވަގުތެއްގައި ފުރުވާލެވޭތޯ ކަމަށެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާގޮތުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، ސަައްމާހް މާލެ ގެނެސް ފަރުވާ ދޭން ފެށި ނަމަވެސް ހާލަތަށް މާ ބޮޑު ކުރިއެރުމެއް ނާދެއެވެ.
ޑޮކްޓަރުންނާއި ހަވާލާދީ އައިޖީއެމްއެޗްގެ މުވައްޒަފަކު ބުނިގޮތުގައި ސައްމާހުގެ ބޮލަށް ގެއްލުންވެފައި ހުރުމުން ހޭ އެރުން ކުޑަވަނީ ކަމަށެވެ.
"ﷲގެ އިރާދަފުޅުން ދަރިފުޅުގެ ބޮލަށް ލިބުނު ގެއްލުން ފިޔަވައި ތަނެއް ބިންދައިގެން ދިއުން ކަހަލަ އިތުރު ބޮޑު އަނިޔާއެއްވެފައެއް ނެތް،" ސައްމާހުގެ ބައްޕަ މުހައްމަދު ބުނި ކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ފޭދޫގައި އެ ރޭ ހިނގި އެންސިޑެންޓްގައި ސައްމާހު އާއި އެކު ސައިކަލުގައި ދިޔަ މަމްދޫން އަހުމަދު ވަނީ މަރުވެފައެވެ. އެކްސިޑެންޓް ހިނގާފައި ވަނީ އެ މީހުން ދުއްވާފައި ދިޔަ ސައިކަލް ކާރެއްގެ ކުރިއަށް އަރަން އުޅެނިކޮށް، ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިގެންނެވެ.