Last Updated: May 18, 11:20
Saturday, May 18, 2024
ޚަބަރު

އިންޑިއާ ސިފައިންގެ ފަހު ބެޗް ތާވަލާ އެއްގޮތަށް ފައިބާނެ

މި މަހުގެ 10 ކުރިން އިންޑިއާގެ ސިފައިންގެ އެންމެ ފަހު މެޗް ރާއްޖެއިން ފޮނުވައިލުމަށް ކުރަމުން އަންނަ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެކުލަވާލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ހަތަރު ވަނަ ބައްދަލުވުން އިއްޔެ އިންޑިއާގެ ވެރިރަށް، ނިއު ދިއްލީގައި ބާއްވާފައިވާ އިރު، ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްގޭގައި ތިބި އިންޑިއާގެ އޭވިއޭޝަންގެ ތިން ޕްލެޓްފޯމްގެ ތެރެއިން އެންމެ ފަހު ޕްލެޓްފޯމްގައި ތިބި ސިފައިން ބަދަލުކުރުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހަމަޖެހިފައިވާ ކަމަށެވެ.

"އެކަމަކުގެ ލޮޖިސްޓިކް ހުރިހާ އިންތިޒާމެއް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާކަން ދެ ފަރާތުން ވެސް ހިތްހަމަޖެހުމާއެކު ފާހަގަކުރި." މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ދިއްލީގައި ބޭއްވި ބަދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ތަރައްގީ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާތަކެއްކޮށްފައިވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މި މަހުގެ 10 ގެ ކުރިން ފޮނުވައިލެވޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ދެއްވާފައިވެ އެވެ. އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް މެ އެވެ.

އިންޑިއާގެ ސިފައިންގެ ފުރަތަމަ ބެޗް ރާއްޖެ އިން ފޭބީ މާޗް މަހުގެ ކުރީކޮޅު އެވެ. އަދި ދެވަނަ ބެޗް ފޭބީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ހަރަކާތްތެރިވަމުން ގޮސްފައިވެ އެވެ. އެ މީހުންނަކީ އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓްގެ އޮޕަރޭޝަނަށާއި އޭގެ މެއިންޓަނަންސަށް ތިބި މީހުންނެވެ.