Last Updated: May 18, 18:49
Saturday, May 18, 2024
ޚަބަރު

އައްޑޫ ހޮސްޕިޓަލް ބޮޑުކުރަން ކުޅި ހިއްކަނީ!

އޭއީއެޗް މަތިން ފެންނަ ގޮތް: މިތަނަކީ ކުޅިއެއްގެ ތެރޭގައި ހަދާފައިވާ އިމާރާތެއް. ފޮޓޯ/ އަހުމަދު އާތިފު

ކުޅިއެއްގެ ތެރޭގައި އިމާރާތްކޮށްފައިވާ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އެއީއެޗް) ގެ ވަށައިގެން މިހާރު އޮތް ފެންގަނޑުގެ ތެރެއިން ބައެއް ހިއްކައިގެން އާ އިމާރާތެއް އަޅަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

މިކަމާ ގުޅޭ ގޮތުން ފޭސްބުކްގައި ކަންބޮޑުވުން ފާޅުކުރައްވައި ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހުދީދީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނަ އަށް މައުލޫމާތު ލިބިފައި އޮތް ގޮތުން ހޮސްޕިޓަލްގެ ވަށައިގެން އޮތް ކުޅިން ބައެއް ހިއްކައިގެން 8 ބުރީގެ އިމާރާތެއް އަޅަން އަންނަނީ ޕްލޭން ކުރަމުންނެވެ.

ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި ކޮންވެންޝަން ސެންޓަރެއްގެ ގޮތުގައި ބިނާކުރި އިމާރާތް ހޮސްޕިޓަލަކަށް ބަދަލުކުރި އިރު، ޖާގަ އިތުރު ކުރަން ހޮސްޕިޓަލްގެ އިމަޖެންސީ ގޭޓާވީ ފަޅިން ދެ ފަރާތުގައި އަލުން ހަދާފައިވާ ދެ އިމާރާތް އުސްކޮށް ޖާގަ އިތުރު ކުރަން މާ ރަނގަޅުވާނެ ކަމަށް ނާޖިހު ވިދާޅުވި އެވެ.

އޭރުން ކުޅި ހިއްކަން ނުޖެހި، އެތަން ސަލާމަތް ކުރެވޭނެ ކަމަށް އޭނަ ފާހަގަ ކުރައްވާފައިވެ އެވެ.

ނަމަވެސް ހޮސްޕިޓަލްގެ ޖާގަ އިތުރު ކުރަން ކުޅިން ބައެއް އަނެއްކާ ވެސް ހިއްކައިގެން ބޮޑު އިމާރާތެއް ހަދަން ޕްލޭން ކުރާ ނަމަ އެކަމުން ދައްކުވައި ދެނީ މިފަދަ ކަންކަން ކުރުމުގައި ގެންގުޅޭ ދޯހަޅި ސިޔާސަތު ކަމަށް ނާޖިހު ވިދާޅުވި އެވެ.

"މިފަދަ ދޯހަޅި ޕްލޭންތައް މިހާރު ރާއްޖޭގައި ވަރަށް އާންމުވެއްޖެ." އޭނަ ވިދާޅުވީ އެވެ.

އަތޮޅުތެރޭގެ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލްގެ ގޮތުގައި 2020 އިން ފެށިގެން ހިންގަމުން އަންނަ އޭއީއެޗް އިމާރާތަކީ 17 ވަނަ ސާކް ސަމިޓް އައްޑޫގައި 2011 ގައި ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބިނާކުރި ތަނެކެވެ. ކޮންވެޝަން ޓޫރިޒަމަށް ވެސް ހާއްސަކޮށްގެން ހެދި ކުރީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކުރީ، ހާއްސަކޮށް އިމާރާތުގެ އެތެރެ އަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

އޭއީއެޗްގެ ހިދުމަތްތައް ފުޅާކުރަން ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ އާ އިމާރާތެއް އަޅަން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ޓެންޑަރިން އަށް ލާފައިވެ އެވެ. އޭރު ހޮސްޕިޓަލުން ބުނެފައި ވަނީ އެއީ މިހާރުގެ އިމާރާތާ ގުޅިފައި އިންނަ ގޮތަށް 3 ބުރި އަށް އަދި 50،000 އަކަފޫޓު ބޮޑުމިން ހުންނާނެ އިމާރާތެއް ކަމަށެވެ.