Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

އެކްސިޑެންޓް މަދުކުރަން އަނެއްކާވެސް މަޝްވަރާ އަށް

ލިންކް ރޯޑްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ސީންގައި ފުލުހަކު ހަރަކާތްތެރިވަނީ. އައްޑޫލައިވް ފޮޓޯ: ޝަރަފް

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ވަރަށް ބޮޑަށް އިތުރުވަމުންދާތީ އެކަން ހުއްޓުވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން އައްޑޫގައި މަސައްކަތްކުރާ ފުލުހުންނާއި މަޝްވަރާ ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ އައްޑޫގައި ގިނަ ފަހަރަށް އެކްސިޑެންޓްތައް ހިނގަނީ ހެދިފައިވާ ގަވާއިދުތަކާއި ހިލާފަށް ދުއްވާ އެއްޗެހި ދުއްވާތީ ކަމަށާއި އެކްސިޑެންޓްތައް މަދު ކުރުމަށް ޤާނޫނާއި ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުން މުހިއްމު ކަމަށެވެ.

އައްޑޫގައި ހިނގާ އެކްސިޑެންޓައް ދުވަހެއް ދުވަހަކަށް އިތުރުވެ ބައެއް މީހުންގެ ފުރާނަ ގެއްލެމުންދާތީ އެކަމާ ކަންބޮޑުވުންފާޅު ކުރައްވަމުން ނާފިޒް ވިދާޅުވީ
ޓްރެފިކް އެކްސިޑެންޓްތައް އައްޑޫގައި މަދުކުރެވެން ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި ހޭލުންތެރިކަން އިތުރު ކޮށްގެން ކަމަށެވެ.

“އެކްސިޑެންޓްތައް މަދުކުރުމަށް އާންމުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން އަޅުގަނޑުމެން މިދަނީ އައްޑޫ ޓްރެފިކް ޕޮލިހާއި މަޝްވަރާ ކުރަމުން. ގަވާއިދާ ހިލާފަށް ދުއްވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނަން،” ނާފިޒް ވިދާޅުވި އެވެ.

އޭނާ އަދި އިތުރަށް ވިދާޅުވީ އައްޑޫގެ ހުރިހާ މަގެއްގައި ހެލްމެޓް އަޅައިގެން ނޫނީ ނުދުއްވޭ ގޮތަށް ކައުންސިލުން ނިންމާފަވާއިރު މީގެ ކުރިން ވެސް އައްޑޫގައި 60 ކިލޯމީޓަރަށް ވުރެ ބާރު މިނުގައި ދުއްވާ މަގުތަކުގައި ހެލްމެޓް އަޅަން އެއްގަމު އުޅަނދުފަހަރާ ބެހޭ ގާނޫނުގެ ދަށުން ލާޒިމް ކުރެ އެވެ.

“ބައެއް މީހުން ހެލްމެޓް އަޅައިގެން ދުއްވަނީ. ޓްރެފިކް ޕޮލިހުން ބަލާއިރު މި ހުންނަނީ ކޮންސްޓްރަކްޝަން ސައިޓުތަކުގައި ބޭނުން ކުރާ ހެލްމެޓް އަޅާފައި. ސުވާލު ކުރުމުން މި ބުނަނީ އަޅަން ޖެހެނީ ކޮންކަހަލަ ހެލްމެޓެއް ކަމެއް ކަލޭމެން ނުބުނަމެން ނޫންހޭ. މިއީ ބައެއް މީހުންގެ ވާހަކަތައް ހުންނަ ގޮތް އެހެންވީމަ ކިހިނެއްތޯ މިކަންކަން ހައްލު ކުރާނީ؟” ނާފިޒް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އާއްމުން ހޭލުންތެރި ކުރުމުގެ ގޮތުން ބާރު ސްޕީޑުގައި ދުއްވުމުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކާއި އެކަން ހުއްޓުވުމަށް ކުރެވިދާނެ ކަންތައްތައް ބަޔާންކޮށް އައްޑޫ މަގުތަކުގައި ޕޯސްޓަރު ހަރު ކުރުމަށް ވެސް އައްޑޫ ސިޓީ ކައުންސިލާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިގޮތަށް ބުނެފައިވާއިރު އައްޑޫގައި ހިނގާ އެކްސިޑެންޓްތައް ހުއްޓުވުމަށް 'މަޝްވަރާތަކާއި ޕްލޭންތައް ހަދާ ވާހަކަ އަބަދުވެސް ދެކެވެއެވެ. ނަމަވެސް އެއަށް އަމަލީ ސިފައެއް އައިސްގެން ނޫނީ އެކްސިޑެންޓްތައް ހައްލު ނުކުރެވޭނެ ކަމަށް އައްޑޫގެ ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ.