Last Updated: May 18, 18:49
Saturday, May 18, 2024
ޚަބަރު

މާލެ ހަޑިވާ ޒާތުގެ ކަންކަން ނުކުރަން އެދެން: މޭޔަރު

މާލެ އަށް މި ފަހުން ކުރިމަތިވެފައިވާ ގޮނޑުކަން ފިލުވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ރާއްޖޭގެ ވެރިރަށް ހަޑިވާ ޒާތުގެ ކަންކަން ނުކުރުމަށް މޭޔަރު އާދަމް އާޒިމް އެދިވަޑައިގެންފި އެވެ.

ބައެއް އިދާރާތަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް މިއަދު ސާފުކުރަމުން އަންނަ އިރު، އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެދިވަޑައިގަތުމަކީ މާލޭގެ އެއްވެސް ތާކަށް އެއްވެސް ބަޔަކު ކުނި ނޭޅުމަށާއި މާލެ ހަޑިވާޒާތުގެ އެއްވެސް ކަމެއް ނުކުރުން ކަމަށެވެ.

"މިސާލަކަށް ކުޅުޖެހުން، ޓިޝޫ އެއްލާލުން، ޕެކެޓް، ދަޅުފަދަ ތަކެތި އެއްލާލުން ހުއްޓާލެއްވުން އެދެން." މޭޔަރު ވިދާޅުވި އެވެ.

މާލެ ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ކައުންސިލާއި، ވެމްކޯ އާއި ހައުސިން މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓު މިނިސްޓްރީ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިތުރުން ފުލުހުން ގުޅިގެންނެވެ.

ރޯދައާ ދިމާކޮށް މާލެތެރެ ގޮނޑުވުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވި އެވެ. އެގޮތުން މަގުތަކަށް ކުނި އަޅާ މީހުން ހޯދައި އެފަދަ މީހުން ޖޫރިމަނާކޮށް އަދި ކުނި އަޅާ މީހުން ލައްވައި މަގުތައް ސާފު ވެސް ކުރުވާފައިވެ އެވެ. އަދި މާލޭގެ މަގުތަކަށް ކުނި އަޅާ ބިދޭސީއެއްގެ މައްސަލަ ބޮޑުވެ. އޭނަ ޑިޕޯޓްކުރަން ނިންމިކަން ކައުންސިލުން ރޭ އިއުލާންކުރި އެވެ.