ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ މުސްލިމުންނަށް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.
ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މުސްލިމުންނަށް ހިންގާ ދީނީ ޕްރޮގްރާމްތަކުގެ ތެރެއިން ރޭ ވަނީ ދަރުހެއް ބާއްވާފަ އެވެ. މި ދަރުސް ކުރިއަށް ގެންގޮސްފައިވަނީ ބަންގްލަދޭޝް ބަހުންނެވެ.
ބަންގްލަދޭޝްގެ މުސްލިމުންނަށް ބެންގާލީ ބަހުން ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމު ހިންގަން އިލްމުވެރިންގެ ޕޫލެއް އުފައްދަން އިސްލާމިކް މިނިސްޓްރީން ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި އިއުލާނެއްކޮށްފަ އެވެ.
Religious lecture for Bangladesh nationals#MasjidDarusExpat pic.twitter.com/WdJ72UlZAS
— Ministry of Islamic Affairs (@MVIaffairs) May 3, 2024
މިނިސްޓްރީން ބުނީ އެ ޕޫލްގައި ބައިވެރިވާ ދީނީ އިލްމުވެރިންގެ ފަރާތުން ބެންގާލީ ބަހުން ނަގައިދޭ ކޮންމެ ސެޝަންއަކަށް 500 ރުފިޔާ ދޭނެ ކަމަށެވެ. އަދި، ދިވެހި ބަހުން ބެންގާލީ ބަހަށް ތަރުޖަމާކުރާ ކޮންމެ ދީނީ ދަރުސަކަށް 1،000 ރުފިޔާ ލިބޭނެ ކަމަށެވެ. މި ޕޫލްގައި ބައިވެރިވެވޭނީ ސުންނީ މުސްލިމުންނަށެވެ.
މިނިސްޓްރީން ވަނީ ޝައުގުވެރިކަން ފާޅުކުރާ އިލްމުވެރިން ވާން ޖެހޭނީ މިނިސްޓްރީން ގަބޫލުކުރާ ޔުނިވާސިޓީއަކުން ދީނީ އިލްމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ މީހުންނަށް އަދި، ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނާ ހިލާފު ވެފައި ނުވާ މީހަކަށް ކަމަށް ބުނެފަ އެވެ.
ރާއްޖޭގައި 90،000 ބަންގްލަދޭޝް މީހުން ދިރިއުޅޭ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.