Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

ފެނަކަ ވެސް އެޕްރީލް ބިލަށް ޑިސްކައުންޓް ދެނީ

މިދިޔަ ރޯދަ މަހުގެ ކަރަންޓް ބިލަށް ދޭން ސަރުކާރުން ދޭން ނިންމި ޑިސްކައުންޓް ހަމައަކަށް އެޅުވުމުގެ މަސައްކަތް ފެނަކަ އިން ވެސް ފަށައިފި އެވެ.

ބިލް ކުޑަނުވާކަމުގެ ޝަކުވާތަކާ އެކީ ސްޓެލްކޯ އާއި ފެނަކަ އިން މިހާރު ވަނީ ފެނާއި ކަރަންޓް ބިލް ޑިސްކައުންޓާ ގުޅޭ ކަންކަން ކުރަމުންނެވެ.

އެގޮތުން ފެނަކައިން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލްތަކަށް ވުރެ ބޮޑު ނުވާނެހެން ރޯދަ މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން ރޯދަ މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާތުކޮށްފައިވާ މިދިޔަ މަހުގެ ބިލުން ވެސް ޑިސްކައުންޓް ދިނުމަށް ނިންމައި އާ ބިލުތައް ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

"އަދި ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެ،" އެ ކުންފުނިން ބުންޏެވެ. "ފެނަކައިން އަބަދުވެސް މަސައްކަތް ކުރަމުން އަންނާނީ ސަރުކާރުގެ ވިސްނުންފުޅާ އެެއްގޮތަށް، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ވީހާވެސް ލުއި ގޮތްތައް ހޯދައި ދިނުމަށް ކަމުގައި ފާހަގަކުރަން."

ސްޓެލްކޯ އާއި ފެނަކައިގެ އިތުރުން އެމްޑަބްލިއުއެސްސީން ވެސް ވަނީ މިދިޔަ މަހުގެ ބިލަށް ޑިސްކައުންޓް ދޭން ނިންމައިފި އެވެ.