އައްޑޫ ސިޓީ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ 20:50 ހާއިރު މި އެކްސިޑެންޓް ހިނގާފައިވަނީ ލިންކްރޯޑްގައި އެއްކޮޅަކަށް ދުއްވާފައި ދިޔަ ޖިޕަކާއި ސައިކަލެއް ޖެހިގެންނެވެ. ސައިކަލުގައި ތިބި ދެމީހުންނަށް ވެސް އަނިޔާ ލިބިފައިވާއިރު އެ ދެމީހުންނަށް ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ސައިކަލްގައި ތިބީ ބީއެމްއެލް ހިތަދޫ ބްރާންޗުގައި މަސައްކަތް ކުރާ ހިތަދޫ ގައުސް، މުހައްމަދު ފާއިޒް، 43، އާއި އޭނާގެ ދަރިފުޅުފަޒާނާ މުހައްމަދު 23، އެވެ.
އެކްސިޑެންޓްގައި ސައިކަލުގެ ފަހަތުގައި އިން އަންހެންކުއްޖާއަށް ވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށާއި އެކަމަށް ހޮސްޕިޓަލުގެ އޮފިޝަލަކު ވަނީ މައުލޫމާތު ދީފައެވެ. ޑޮކްޓަރުންނާ ހަވާލާދެއްވައި އޮފިޝަލް ވިދާޅުވީ އިންޓާނަލް ބްލީޑިންގެ ސަބަބުން އަންހެން ކުއްޖާގެ އޭނާގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށެވެ.
އެކްސިޑެންޓް ހިނގި އިރު ސައިކަލު ދުއްވަން އިން ފާއިޒް އަށް މާބޮޑު އަނިޔާތަކެއް ލިބިފައެއް ނުވެެއެވެ.

"އެކްސިޑެންޓްވީ ކަޅު ކުލައިގެ ޖިޕެއް އައިސް ސައިކަލުގައި ޖެހިގެން. އެމީހުން ވަނީ މަޑުނުކޮށް ފިލާފައި " މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުންޏެވެ.
ފުލުހުންގެ ފަރާތުން ވާހަކަ ދެއްކި ބޭފުޅަކު މައުލޫމާތު ދިން ގޮތުގައި މަޑުނުކޮށް ފިލި ޖިޕް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. އެކްސިޑެންޓް ހިނގި ހިސާބާއި މާދުރުނޫން ހިސާބެއްގައި ސީސީޓީވީ ކެމެރާ އެއް ވެސް ހުންނަކަން ފާހަގަކޮށްލެވެއެވެ.