Last Updated: May 20, 01:49
Sunday, May 19, 2024
ޚަބަރު

އެއާޕޯޓްގެ ސަލާމަތީ ކަންކަމާ ބެހޭ ފޯރަމް ފަށައިފި

ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެމަޖެންސީ އެންޑް ރެސިލިއެންސް ފޯރަމްގެ ނަމުގައި ފޯރަމެއް ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފޯރަމް ކުރިއަށްދަނީ ކްރޮސްރޯޑްސްގައެވެ. މި ފޯރަމް ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމެވެ.

މި ފޯރަމްގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން، ކުންފުނީގެ އިސްވެރިން އަދި އެއާޕޯޓްގެ އެމާޖެންސީގެ ހާލަތުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއް ބައިވެރިވެފައިވާކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.

މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމާއި، ދިމާވެދާނެ ކުއްލި ހާލަތަކަށް އިޖާބަދިނުމުގައި މިހާރަށް ވުރެއް ބޮޑަށް ތައްޔާރުވެ، އެކަމަށް ހުރިހާ ފަރާތްތަކުން އެކުގައި މަސައްކަތްކުރުން ހަރުދަނާ ކުރުމެވެ. އެގޮތުން ސެކިއުރިޓީއާއި އެމަޖެންސީ ހާލަތްތަކުގައި އެކި މުއައްސަސާތަކުން އަދާކުރާ ދައުރާބެހޭގޮތުން މައުލޫމާތު ހުށަހަޅައިދޭނެ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

މިރަސްމިއްޔާތު ފައްޓަވައިދެއްވާ ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ގައުމުގެ އެންމެ މުހިއްމު ތަންކަމަށާއި، އެއާޕޯޓަށް ހާއްސަ ސަލާމަތާއި ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިހުރުން މުހިންމު ކަމަށެވެ. އަދި އެއާޕޯޓުގެ އޮޕަރޭޝަންތަކުގައި އަވަސް އިމަޖެންސީ ރެސްޕޮންސް ކަށަވަރުކުރުމަށާއި، ވިލުންވެރިކަން ދެމެހެއްޓުމަށްޓަކައި ސްޓޭކްހޯލްޑަރުންގެ މެދުގައި ކޯޑިނޭޝަން ވަރަށް މުހިންމު ކަމަށެވެ.

މި އީ އެމްއޭސީއެލްއިން މިފަދަ ފޮރަމެއް ބާއްވާ ފުރަތަމަ ފަހަރެވެ.