Last Updated: May 20, 01:49
Sunday, May 19, 2024
ޚަބަރު

ރަހުނަކާ ނުލައި 1 މިލިއަން ލިބޭ ލޯނު ސްކީމެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހައުސިންއަށް އައު ލޯނާއި ފައިނޭންސިން ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން މިއަދު ބުނެފައިވަނީ ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި ބޭންކުން ތައާރަފް ކުރީ ހޯމް ބިލްޑް ލޯނާއި ހޯމް އިކުއިޓީ ލޯނު ކަމަށެވެ.

އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯން ފަރުމާކޮށްފައިވަނީ އެއްވެސް ރަހުނަކާ ނުލައި 1 މިލިއަން ރުފިޔާއާ ހަމަޔަށް އަމިއްލަ ފަރުދުންނަށް ލޯނު ނެގޭގޮތަށް ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށާއި، މިއީ ގެދޮރު މަރާމާތުކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ގެދޮރު އެޅުމަށް އެކަށީގެންވާ ޕްރޮޑަކްޓެއް ކަމަަށެވެ.

މީގެ އިތުރުން ކުރިން ހޯމް ލޯނާއި ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް ވަނީ ހޯމް އިކުއިޓީ ލޯން ތައާރަފްކޮށްފައެވެ. އަލަށް ތައާރަފްކުރި މި ލޯނު މެދުވެރިކޮށް ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމަޔަށް ލޯނު ދޫކުރެވޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. މިގޮތުން ހޯމް އިކުއިޓީ ލޯނަކީ 50،000 ރުފިޔާއަށްވުރެ މަތީ އަދަދަކުން ލޯނު ނަގާ ފަރާތްތަކަށް ދޫކުރާ ލޯނެއް ކަމަށާއި މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށްވެސް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ މިއީ މުޅި ރާއްޖޭގައި ތިބި އެ ބޭންކުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިނޭންސިންގ ލިބޭނެގޮތް މަގުފަހިކޮށްދިނުމަށް ތައަރަފްކުރި ޕްރޮޑަކްޓްތަކެއް ކަމަށެވެ.

"އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯނު ނަގަން އިތުރު ރަހުނެއް ބޭނުންނުވާއިރު، ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމަތުގެ މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެން މި ދޫކުރާ ހޯމް އިކުއިޓީ ލޯނުން މިހާރު ހޯމް ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނަށް %10 ރޭޓުގައި ލޯނު ލިބޭނެ." މޫސާ ނިމާލް ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނެފައިވަނީ އެ ބޭންކުގެ އިސްލާމިކް ކަސްޓަމަރުންނަށް ހޯމް ބިލްޑް ފައިނޭންސިންގ އަދި ހޯމް އިކުއިޓީ ފައިނޭންސިންގ ލިބޭނެ ކަމަށެވެ.