Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

ޓްރެވެލް އެވޯޑްސްގައި ރާއްޖެ އަށް 4 އެވޯޑް

މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަންސް ކެޓަގަރީގައި ރާއްޖެ، ހަތަރު ކެޓަގަރީއަކުން އެވޯޑް ހޯދައިފި އެވެ.

މި އެވޯޑް ހަފުލާ ބާއްވާފައި ވަނީ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި މި ފަހަރު ރާއްޖެ ނުވަ ކެޓަގަރީއަކުން ނޮމިނޭޓްވި އެވެ. އެކަމަކު އެވޯޑް ލިބުނީ ހަތަރު ކެޓަގަރީއަކުންނެވެ.

ރާއްޖެ އަށް ލިބުނު އެވޯޑްތަކަކީ:

* އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން
* އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން
* އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން
* އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން

މި އެވޯޑްތަކާއި ހަވާލުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލާއި އެމްއެމްޕީއާރްސީގެ ޗެއާޕާސަން، އައިޝާ ނޫރައިން ޖަނާޙާއި އެމްއެމްޕީއާރްސީގެ ސީއީއޯ ފާޠިމަތު ތައުފީޤްގެ އިތުރުން އަދި ޓޫރިޒަމް ޑިވެލޮޕްމަންޓާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު މުހައްމަދު ޚަލީލެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ 1993 އިން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ މަޤްބޫލުކަން ހޯދައިފައިވާ އެވޯޑެކެވެ.

ދެހާސް ތިނެއްގައި ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއަން އޯޝަން ކެޓަގަރީ ތައާރަފުކުރި ފަހުން ރާއްޖެއިން މި އެވޯޑްގައ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުން އައިސްފައިވެ އެވެ. އެގޮތުން ލީޑިން ޑެސްޓިނޭޝަން އެވޯޑް 17 ފަހަރު، ލީޑިން ހަނީމޫން ޑެސްޓިނޭޝަން ހަ ފަހަރު، އަދި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑް ނުވަ ފަހަރު ކާމިޔާބު ހޯދާފައިވެ އެވެ.