Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

އާބާދީ އިތުރު ކުރަން އެލަވަންސެއް ދޭން ޖެހޭ

ރާއްޖޭގެ އާބާދީ އިތުރު ކުރަން ހިތްވަރު ދިނުމުގެ ގޮތުން އެލަވަންސެއް ތައާރަފު ކުރަން ޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމު (ސައްލެ) ވިދާޅުވެއްޖެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް މަޖިލީހުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރުމަށް ގާނޫނުއަސާސީ އިސްލާހުކުރަން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން މިއަދުޖެ ޖަލްސާގައި ސައްލެ ވިދާޅުވީ ދުރު މުސްތަގްބަލަށް ވިސްނާއިރު އިގްތިސީދާ އެއްވަރަށް ރާއްޖޭގެ އާބާދީ އިތުރުވަމުން ނުދާ ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ.

"އާއިލާގެ ސައިޒް ކުޑަވަމުންދާ އެއް ސަބަބަކީ ދިރިއުޅުމުގެ ހަރަދު ބޮޑުވުން، މާލޭގައި ތޮއްޖެހުން، މާލޭގައި ދިރިއުޅޭނެ ގޮތެއް ނެތުން. މިކަންކަމުގެ ސަބަބުން އާއިލާގެ ސައިޒް ކުޑަވަމުންދާކަން އެއީ އަޅުގަނޑުމެން އެންމެން ދަންނަ ހަގީގަތެއް،" އޭނަ ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލުކުރަނީ މިހާރު ރާއްޖޭގައި މިއޮތީ ޔުނިވާސަލް ޗައިލްޑް ބެނެފިޓް އެލަވަންސް ތައާރަފު ކުރުމުގެ ވަގުތު އައިސްފައޭ."

ސައްލެ އިތުރަށް ވިދާޅުވީ އެކަނިވެރި މައިންނަށްދޭ އެލަވަންސް ވެސް އަލުން އިސްލާހު ކުރަންޖެހޭ ކަމަށާއި ދެމަފިރިންގެ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ދަރިފުޅު ބަލަހައްޓަން އެލަވަންސެއް ލިބޭނެ މަގު ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ. އަދި އުމުރުން 14 އަހަރު ނުފުރޭ ކުދިން ނިސްބަތް 2014 ގައި 28 ޕަަސެންޓްގައި ހުރި އިރު، އެ ނިސްބަތް 2022 ގައި ވަނަ 26 ޕަސެންޓަށް ދަށްވެފައިޗާ ވެސް ސައްލެ ވިދާޅުވި އެވެ.

އެހެންވެ މިކަންކަމަށް ރިއާޔަތްކޮށްގެން ނޫނީ ރާއްޖޭގެ އާބާދީ މަތިކުރެވޭ ނެތް ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އިން ބޭރުގައި ވެސް ދަރިން ހޯދަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ތަފާތު އިނާޔަތްތައް ދެމުން އާދެ އެވެ. އެގޮތުން ޗައިނާ އާއި ޖަޕާން ފަދަ ގައުމުތަކުގައި އުފަންވާ ރޭޓް ދަށްވެ، އާބާދީ ދަށްވަމުން ދާތީ ދަރިން ހޯދަން ހިތްވަރު ދިނުމުގެ ގޮތުންނ ސަރުކާރުން ތަފާތު އެހީގެ ސްކީމްތައް ތައާރަފުކޮށްފައިވެ އެވެ.

ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އާބާދީ އިތުރު ކުރަން ޖެހެ އެވެ.

ރާއްޖޭގެ މިހާރުގެ އާބާދީގެ ހާލަތާ ގުޅޭ ފެބްރުއަރީ މަހު ބޭއްވި "ޗޭންޖިން ޕޮޕިއުލޭޝަން ޑައިނަމިކްސްއިން މޯލްޑިވްސް" ޝަރަފްވެރިކޮށް ދެއްވައި އެ ކަމަމާ ވިދާޅުވީ ރާއްޖޭގައި އުފަންވާ ކުދިން މަދުވުމުގެ މައްސަލަ އަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އަދި މިއީ މިކަމަށް ޙައްލެއް ގެންނަން މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށެވެ.

ސާޖިދާ ވިދާޅުވީ ރާއްޖޭގައި އުފަންވާ ނިސްބަތް ދަށްވަމުންދާ މައްސަލައަށް ޙައްލު ގެނައުމަށް ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ މީގެ 20 އަހަރު ފަހުން ރާއްޖޭގެ އިގުތިސާދީީ އިންޖީނު ހިންގުމަށް ވަޒީފާ އަދާކުރާނެ ވޯކް ފޯހެއް ނެތުމުގެ މައްސަލައާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.