Last Updated: May 20, 01:49
Sunday, May 19, 2024
މުނިފޫހިފިލުވުން

"ޓައިޓޭނިކް" ގެ ކެޕްޓަން މަރުވެއްޖެ

މީގެ 27 އަހަރު ކުރިން ރިލީޒްކުރި ފިލްމު "ޓައިޓޭނިކް" ގައި އެ ބޯޓްގެ ކެޕްޓަންގެ ރޯލު ކުޅުނު ބާނާޑް ހިލް މަރުވެއްޖެ އެވެ.

އުމުރުން 79 އަހަރުގައި އޭނަ މަރުވީ އިއްޔެ އެވެ. ނަމަވެސް މަރާ ގުޅޭ އިތުރު ތަފުސީލެއް ހާމަކޮށްފައެެއް ނުވެ އެވެ. ބާނާޑްގެ މަރާ ގުޅިގެން "ޓައިޓޭނިކް" ފިލްމުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ހިތާމަފާޅުކޮށްފައިވެ އެވެ.

އިނގިރޭސިވިލާތަށް އުފަން ބާނާޑް މިހާތަނަށް ވަރަށް ގިނަ ފިލްމުތަކާއި ޓީވީ އުފެއްދުންތަކުގައި މަސައްކަތްކޮށްފައިވެ އެވެ.

މުޅި ދުނިޔޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދި ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި 1997 ގެ "ޓައިޓޭނިކް" ގައި އޭނަ ކުޅުނު ކެރެކްޓާ އަކީ 1912 ގައި ފުރަތަމަ ދަތުރަށް ނުކުމެ އުޅެނިކޮށް، ބޮޑު ގަނޑުފެންގަނޑެއްގައި ޖެހި ބިންދައިގެން ގޮސް އަޑިއަށް ދިޔަ "ޓައިޓޭނިކް" ގެ ކެޕްޓަން އެޑްވަޑް ޖޭ ސުމިތުގެ ރޯލެވެ.

ޖޭމްސް ކެމެރޮން ޑައިރެކްޓްކުރި ފިލްމަކީ ޓައިޓޭނިކްގެ އަޑިއަށް ދިޔަ ހިތްދަތި ހާދިސާގެ ތެރެއަށް ހިޔާލީ ލޯބީގެ ވާހަކައެއް ހިމަނައިގެން ގެނެސްދިން ވަރަށް ކާމިޔާބު ފިލްމެކެވެ. އޭގެ ލީޑް ރޯލު ކުޅުނީ ލިއޮނާޑޯ ޑި ކެޕްރިއޯ އާއި ކޭޓް ވިންސްލެޓެވެ.

ބާނާޑްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ފޯއެވާ ޔަންގް" އެވެ. އޭނަ ވަނީ "ދަ ލޯޑް އޮފް ދަ ރިންގްސް" ގެ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. ބާނާޑް މަރުވި އިރު، ބީބީސީ ވަންގެ ސީރީޒް "ދަ ރެސްޕޮންޑާ" ގެ ދެވަނަ ސީޒަންގެ ރޯލެއް ވެސް ކުޅެފައިވެ އެވެ. އެ ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.