އައްޑޫގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެ އެވެ.
“މަގުތައް އަމާން ތަނަކަށް ހަދަން ހުރިހާ މުސާފިރުން ވެސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެއްވުމަށް އެދި ދަންނަވަން. އެއީ ތިޔަ ބޭފުޅުންގެ ސަލާމަަތަށްޓަކައި. އައްޑޫގެ މަގުތަކުގައި ދަތުރު ކުރާ ފަރާތްތަކާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ސަލާމަތްކަން ހޯދައި ދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ކުރަން ހުރި މަސައްކަތްތައް ކުރުމުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވޭ. އެއީ ތިޔަ ލޮބުވެތި ރައްޔިތުންގެ ހައްގުގައި ކުރެވޭ ކަމެއް.” ފޭސްބުކްގައި ސޯބެ ލިޔުއްވާފައިވެއެވެ.
ސޯބެ އިތުރަށް ވިދާޅުވެފައިވާގޮތުގައި އައްޑޫގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކައުންސިލުން ކުރާނެ ކަމަށާއި އެގޮތުން މަގުތަކުގައި ނިޝާން ބޯޑްތައް ބަހައްޓައި ސްޕީޑްބްރޭކަރު ބަހައްޓައި މަގުތަކުގައި ޕާކިން އޭރިއާ ވެސް ހަދާނެ ކަމަށެވެ. އަދި ވަން ވޭ ކުރަން ޖެހޭ މަގުތައް ވަން ވޭކޮށް، ހެލްމެޓް އަޅައިގެން ދުއްވަން ކުރަން ޖެހޭ ކަންކަން ކައުންސިލުން ކުރާނެ ކަމަށް ވިދާޅުވި އެވެ.
އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި އެތައް ބައެއްގެ ފުރާނަ ގެއްލުންދާތީ އެކަމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީން ވެސް މަޝްވަރާތަކެއް ކުރަމުން އަންނަ އިރު އަބަދުވެސް މަޝްވަރާކުރަނީ ކަމަށާއި އަމަލީ ފިޔަވަޅުތައް އަޅަން ނުފެށޭ ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުންދާ ކަން ފާހަގަކޮށްލެވެއެވެ.