އާދީއްތަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީޕީއެމްގެ މެމްބަރުން މަރާމާރީ ހިންގާފައިވާ ކަމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
"އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން"ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އާޤާނޫނުލް އުޤޫބާތަށް އަމަލުކުރުން 3 މަސް ދުވަހަށް ފަސްކުރުމަށް މަޖިލީހުގައި އާދީއްތަ ދުވަހު ވޯޓު ނަގަން މަސައްކަތްކުރި ވަގުތު އެކަމާ ދެކޮޅަށް އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރުމުން ޕީޕީއެމްގެ މަޖިލިސް މެމްބަރުން މާރާމާރީ ހިންގާފައިވާ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ އާޤާނޫނުލް އުޤޫބާތަށް ޢަމަލުކުރުން ރައީސް ޔާމީންގެ ސަރުކާރުން ލަސްކޮށްފައި ވަނީ ދިވެހި ރައްޔިތުންގެ އިހުސާސްތަކާ ދެކޮޅަށް ކަމަށާއި، ޤާނޫލުން އުޤޫބާތަށް ޢަމަލުކުރުން ލަސްކުރުމުގެ މައިގަނޑު ބޭނުމަކީ މިސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް މުޒާހަރާކުރަމުންދާ ދިވެހި ރައްޔިތުންނަށް ބިރުދައްކައި ނާއިންސާފުން ރައްޔިތުންގެ މައްޗަށް ޝަރީއަތްތައް ހިންގުމުން ކަމަށެވެ.
މިހާރު އަމަލުކުރަމުންދާ މިހާރު އޮތް ދުވަސްވީ ގާނޫނުލް އުގޫބާތަކީ މުޒާހަރާކުރުމާއި އެއްވެ އުޅުމާ މިފަދަ ހައްގުތަކަށް ތަންދޭ ގާނޫނެއް ނޫން ކަމަށާއި، އެހެންނަމަ ވެސް ރައީސް ޔާމީންގެ ސަރުކާރުން މިޤާނޫނުލް އުޤޫބާތު ބާއްވަން ބޭނުންވަނީ ދިވެހި ރައްޔިތަކު ޚިޔާލުފާޅުކުރާ ކޮންމެ ފަހަރަލު ހަ މަސް ދުވަހަށް ޖަލަށްލުމުގެ ބޭނުމުގައި ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
މަޖިލީހުގެ ތެރޭގައި ހިނގާ ކަންކަން ދިވެހި ރައްޔިތުންނަށް ސިއްރުކުރުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސްއަށް އެފުރުސަތު ނުދޭނެ ކަމަށާއި، ލައިވް ފީޑް ނުދައްކާ ކަމައް ވާނަމަ އަމިއްލައަށް ވީޑިއޯކޮށްގެން ނަމަވެސް އެޖަރީމާތައް ރައްޔިތުންނަށް ދައްކާނެ ކަމަށެވެ.