ކުށްވެރިންނަށް ގާނޫނީ ގޮތުން ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދީ ހުރިހާ އެންމެން ހަމަހަމަ ކަމާއި އެކު އެއް އުސޫލެއްގެ ދަށުން މަސައްކަތް ކުރަން ޖެހޭ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހުގެ ރޭ މާފުށީގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ ކުށްވެރިން ބަލަމުންދާއިރު ވެސް އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް ކުށްވެރިންނަށް ލިބެންޖެހޭ ހައްގުތައް ދޭންޖެހޭނޭ ކަމަށެވެ.
"އަޅުގަނޑުމެން ޖެހޭނެ ކުށްވެރިންނަށް ގާނޫނީ ގޮތުން ދޭންޖެހޭ ހިމާޔަތަކާއި ރައްކާތެރި ކަމެއް ދީގެން ހުރިހާ އެންމެންނަށް ހަމަހަމަކާ އެކު އެއް އުސޫލެއްގެ ދަށުން މަސައްކަތް ކުރަން،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.
ރައްޔިތުންގެ އަޑު އަހައިގެން އަޅުގަނޑުގެ ދުލާާއި އަޅުގަނޑުގެ ގަލަން ބޭނުންކޮށް ފޭދޫ ދާއިރާގެ ރައްޔިތުން މި ވޭތުވެދިޔަހައި ދުވަހު ދުވަހަކުވެސް ތަމްސީލް ނުކުރެވޭވަރުގެ ތަނަކަށް މިފަހަރު ރައްޔިތުންގެ މަޖިލިސް ހަދާދޭނެ ކަމަށް އައިބީ ވަނީ މީގެ ކުރިން ވިދާޅުވެފައިވި ނަމަވެސް ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވާލުމަށް އައިބީ ނުކުޅެދިފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.
މިގޮތުން އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައިގައި ވެސް އައިބީގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.