Last Updated: May 20, 01:49
Sunday, May 19, 2024
ޚަބަރު

އާ މަޝްރޫއު ނިމުމުން އައްޑޫ ކަރަންޓު މައްސަލަ ހައްލުވާނެ

އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއު ނިމުމުން އައްޑޫގެ ކަރަންޓުގެ މައްސަލަ އަށް ފުރިހަމަ އަށް ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ހުސައިން ޒުހުރީ ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރަން ފެނަކަ އިން ހަވާލުކޮށްފައިވަނީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް ކޯޕަރޭޝަންއާ އެވެ. މި މަޝްރޫއަކީ ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސްކުރާ މަޝްރޫއެކެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ޒުހުރީ ވިދާޅުވީ ފެނަކައިގެ އާ މެނޭޖްމެންޓު ހަވާލުވިއިރު އައްޑޫގެ ކަރަންޓުގެ ހާލަތު އޮތީ ވަރަށް ދަތި، އުނދަގޫ ގޮތަކަށް ކަމަށާއި ބައެއް ފަހަރު ވަރަށް ގިނަ ސަރަހައްދުތަކުން ކަރަންޓު ކަނޑަންޖެހޭ ހާލަތްތައް ވެސް އައިސްފައިވާ ކަމަށެވެ. އެގޮތުން އެކިއެކި ސަބަބުތަކާ ހުރެ ފާއިތުވި ތިން މަހު ވެސް އައްޑޫގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ޖެހުނު ކަމަށާއި އައްޑޫ އަށް މިއަދާ ހަމައަށް ކަރަންޓު ދެމުން އައިސްފައިވަނީ އިންޖީނުގެ ފުރިގެން ގޯތިތެރޭގައި ހަޓުތަކެއް ހަދައިގެން 15 ޖަނަރޭޓަރެއް ބަހައްޓައިގެން ކަމަށް ޒުހުރީ ވިދާޅުވި އެވެ.

"ކޮންމެ އަހަރަކު ޑިމާންޑް މަތިވުމުން އެ އަހަރަށް ބޭނުންވާ ވަރަށް އަނެއްކާވެސް އާ ޖަނަރޭޓަރެއް ލައްވާފައި އޮތީ. އަނެއްކާ އަނެއް އަހަރު މަތިވުމުން އަނެއްކާ އެ އަހަރު ވެސް އެއް މެގަވޮޓް ނޫނީ 1.5 މެގަވޮޓްގެ ޖަނަރޭޓެއް ލައްވައިގެން އޮޕަރޭޓް ކުރަމުން އައިސްފައި އޮތީ. އެގޮތަށް ގޮސް މިހާރު އިންޖީނުގެ ފުރިގެން، ގޯތިތެރޭގައި ވެސް އެތަން މިތަނުގައި ހަޓުތައް ހަދާފައި އެތަންތަނުގައި ޖަނަރޭޓަރު ލައިގެން އޮޕަރޭޓް ކުރަމުން އައިސްފައި އޮތީ މިއަދާ ހަމައަށް،" ޒުހުރީ ވިދާޅުވި އެވެ.

މިއީ މި ޒަމާނުގައި މިކަން ކުރާ ގޮތެއް ނޫން ކަމަށާއި މިކަން މިގޮތަށް ކުރުމުން ޖަނަރޭޓަރަކަށް މައްސަލައެއް ޖެހުމާއެކު ކޮންމެވެސް ހިސާބަކުން ކަރަންޓު ކަނޑަން ޖެހުން ފަދަ ކަންކަން ކުރަންޖެހޭ ކަމަށް ޒުހުރީ ވިދާޅުވި އެވެ. އަދި ޗައިނާ ކުންފުންޏާ އެކު ކުރިއަށްގެންދާ މަޝްރޫއު އަކީ މިކަން ހައްލުކުރުމަށް ހިންގާ މަޝްރޫއެއް ކަމަށާއި މި ޕްރޮޖެކްޓު ނިމުމާއެކު އައްޑޫގެ ކަރަންޓުގެ މައްސަލައަށް ފުރިހަމަ ހައްލެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު މިއޮތް މައްސަލަ އަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ. މީގެ ސަބަބުން އިރާދަކުރެވިއްޔާ ކުރިއަށް އޮތް އަދި 20 އަހަރަށް ވެސް ނޫނީ އެއަށް ވުރެ ދިގު މުއްދަތަކަށް ވެސް ކަރަންޓުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ،" ޒުހުރީ ވިދާޅުވި އެވެ.