ރޭ ހިތަދޫގައި ސައިކަލަކާއި ޖިޕެއް ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު ފަޒާނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ހޮސްޕިޓަލުގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ފަޒާނަގެ އިންޓާނަލް ބްލީޑިންއެއް އުޅޭތީ އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ދީފައިވާ ކަމަށާއި ސާޖަރީއަށް ފަހު އޭނާގެ ހާލަތު އިތުރަށް ރަނގަޅުވަމުން އަންނަކަމަށެވެ.
ރޭ ހިނގި ހާދިސާގައި ދެން އަނިޔާވީ ސައިކަލް ދުއްވަން އިން، ފަޒާނާގެ ބައްޕަ މުހައްމަދު ފާއިޒް، 43، އަށެވެ. އޭނާ އަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވި ނަމަވެސް ވާތް މަށައިގެން ގޮސް މޫނުގެ ވާތް ފަރާތާއި ނިތްކުރިން ވެސް މަށައިގެން ގޮސްފައިވެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިތަދޫ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ ފަޒާނާގެ ޑިއުޓީ ނިމުމުން އޭނާ ގޮވައިގެން ފާއިޒް ގެއަށް ދަނިކޮށް ހިނގި މިއެކްސިޑެންޓް ވުމާއި އެކު ޖިޕްގައި ތިބި މީހުން ފިލާފައިވާއިރު ރެއިން ފެށިގެން އެ ޖިޕް ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.