Last Updated: July 21, 16:48
Tuesday, July 21, 2026
ޚަބަރު

މޯލްޑިވިއަންގެ 4 ވަނަ އޭޓީއާރް ރާއްޖެ ގެނެސްފި

މޯލްޑިވިއަންގެ ހަތަރުވަނަ އޭޓީއާރް ބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ.

މި ބޯޓު މިއަދު ހަވީރު ރާއްޖެ އައިސްފައިވާއިރު، މި ބޯޓަށް ވެލާނާ އެއާޕޯޓުގައި ވޯޓާ ސެލިއުޓަކާއި އެކު ވަނީ މަރުހަބާ ކިޔާފަ އެވެ. މިއީ 46 މީހުންގެ ޖާގައިގެ ބޯޓެކެވެ.

މިއީ ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު މޯލްޑިވިއަން އިން ވެފައިވާ އެއްބަސްވުމުގެ ދަށުން ގަނެގެން ގެންނަ އޭޓީއާރް 600-42 މަރުކާގެ އާ ދެބޯޓުގެ ތެރެއިން އެއް ބޯޓެވެ.

މޯލްޑިވިއަން އިން ކުރިން ބޭނުން ކުރަމުންދިޔަ ޑޭޝް-8 މަރުކާގެ އެއާކްރާފްޓްތައް ބޭނުންކުރުން ހުއްޓާލައި، މިހާރު އެ އެއާލައިނުން ވަނީ އޭޓީއާރްގެ ތިން ބޯޓު ރާއްޖެއަށް ގެނެސްފަ އެވެ. މިހާތަނަށް އެ އެއާލައިނުން ރާއްޖެއަށް ގެނައީ، 600-42 މަރުކާގެ އެއް ބޯޓާއި، 600-72 މަރުކާގެ ދެ ބޯޓެވެ.

މީގެއިތުރުން މޯލްޑިވިއަން އިން ގެންދަނީ ބޮއިން 787-8 މަރުކާގެ އެއާކްރާފްޓެއް ކުއްޔަށް ނެގުމަށާއި ވައިޑް ބޮޑީ އެއާކްރާފްޓް ހޯދުމަށްވެސް މަސައްކަތް ކުރަމުންނެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު އޮޕަރޭޓު ކުރަމުންދެ އެވެ. މީގެ ތެރޭގައި އެއާބަސް A320 މަރުކާގެ މަތިންދާބޯޓަކާއި އޭޓީއާރު މަރުކާގެ ހަތަރު މަތިންދާބޯޓާއި ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެ އެވެ.