Last Updated: July 21, 16:49
Tuesday, July 21, 2026
ޚަބަރު

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.

ބީއެމްއެލް އިން ކުރި އިއުލާނެއްގައި ބުނީ މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ރޭ 8:30 ގައި ހޮޓެލް ޖެންގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.

މި ޖަލްސާގައި ދުރާލާ ރަޖިސްޓްރީ ކުރާ ހިއްސާދާރުންނާއި ޕްރޮކްސީހޯލްޑަރުން ހާޒިރުވެގެންނާއި، މޯލްޑިވްސް ސެކުއިރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ އެވެ. މިއީ އޮންލައިންކޮށް ވެސް ބައިވެރިވާ ޖަލްސާއެއް ކަމުން ބީއެމްއެލް އިން ބުނީ ވޯޓުލުން ކުރިއަށް ގެންދާނީ "ފަހިވޯޓު" މެދުވެރިކޮށް ކަމަށެވެ.

ބީއެމްއެލްއިން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 20 މެއި ގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށް އެކަނި ކަމަށެވެ.

އަދި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޕްރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. އެ ބޭންކުން ބުނީ މި ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ވެސް ބޭންކުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި ނިމުނު އަހަރުގެ ބެލެންސް ޝީޓާއި އާމްދަނީގެ ބަޔާން ފާސްކުރުމާއި 2023 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާ ފައިދާ ފާސްކުރުމާއި މިއަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވުމާއި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިންތިޚާބުކުރުން ހިމެނޭނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ބީއެމްއެލްގެ ބޯޑުން ވަނީ މިދިޔަ އަހަރު ލިބުނު ފައިދާ އިން އެ ބޭންކުގެ ހިއްސާދާރުންނަށް ހިއްސާއަކަށް 50 ރުފިޔާ ބަހަން ދާދިފަހުން ފާސްކޮށްފަ އެވެ. މި އަދަދާ މެދުގައި ގޮތެއް ނިންމާނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ވޯޓު ލައިގެންނެވެ.