Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ރެއާލް 18 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި މިރޭ 2-1 އިން ބަޔާން މިއުނިކް ބަލިކުރުމަށްފަހު މުބާރާތުގެ ފައިނަލަށް ރެއާލް މެޑްރިޑް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ބަޔާންގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ރެއާލް ފައިނަލަށް ދަތުރުކުރީ 4-3 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

މިއީ މުބާރާތުގެ ފައިނަލަށް ރެއާލް ދަތުރުކުރި 18 ވަނަ ފަހަރެވެ. ރެއާލުން ވަނީ މި މުބާރާތް 14 ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު ފޯރިގަދަ މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ދެ ޓީމުން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފަ އެވެ. އެގޮތުން ރެއާލްގެ ވިނީޝަސް ޖޫނިއާ ފޮނުވާލި ހަމަލާއެއް ދަނޑި އަށް އަމާޒުވިއިރު، ރޮޑްރިގޯ ފޮނުވާލި ހަމަލާ މަތަކުރީ ބަޔާންގ ގޯލްކީޕަރު މެނުއަލް ނޯޔާ އެވެ. މި ހާފުގައި ބަޔާންގެ ފޯވާޑް ހެރީ ކޭން ދުރުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ރެއާލްގެ ކީޕަރު ލުނިން މަތަކޮށްފައިވެ އެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ރެއާލުން ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނިކޮށް، މެޗުގެ 68 ވަނަ މިނެޓްގައި ބަޔާނުން އުފެއްދި ކައުންޓަ އެޓޭކެއްގައި އަލްފޮންސޯ ޑޭވިޑް ވަނީ ބަޔާނަށް ލީޑު ނަގައިދީ ރެއާލް ސިއްސުވާލާފަ އެވެ. ޑޭވިޑް މި ގޯލު ކާމިޔާބު ކުރީ ބޯޅައާއެކު ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ކަނާތު ފައިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މި ގޯލު ކާމިޔާބު ކުރިތާ އިރުކޮޅެއް ފަހުން ރެއާލުން ނަތީޖާ އެއްވަރުކުރި އެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ ބޯޅަ ގޯލަށް ވަނުމުގެ ކުރިން ރެއާލްގެ ޑިފެންޑަރު ނާޗޯ ފެނާންޑޭޒް ބަޔާންގެ ކިމިޗަށް ފައުލްކޮށްފައިވާތީ އެ ގޯލު ކެންސަލް ކުރުމަށެވެ. ނަމަވެސް މެޗުގެ 88 ވަނަ މިނެޓްގައި ރެއާލުން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. ބަޔާންގެ ކީޕަރު ނޯޔާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު ރެއާލަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ޖޮސެލޫ އެވެ.

އަދި އޭގެ ދެ މިނެޓް ފަހުން ރުޑިގާ ދިން ޕާހަކުން ޖޮސެލޫ ވަނީ ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމު ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ. ޖޮސެލޫ މި ގޯލު ކާމިޔާބު ކުރީ ބަޔާންގެ ގޯލު ކުރިމަތީ މުޅިން ހުހަށް ހުރެ ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

މުބާރާތުގެ ފައިނަލްގައި ރެއާލް ބައްދަލުކުރާނީ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްއާ އެވެ. ފައިނަލް އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.