މިދިޔަ މަހުން ފެށިގެން އައްޑޫގެ ވިޔަފާރިތަކުން އެންގުމަކާއި ނުލައި ކަރަންޓް ބިލް ބޮޑު ކުރި މައްސަލާއި ގުޅިގެން ގިނަ އަދަދެއްގެ ވިޔަފާވެރިންތަކެއް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވާތީ، އެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ހޯދައިދޭން އެދި އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީ މިއަދު ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ވައްދާފައިވާތީ، މަޖިލީހުގައި އެކަމާ ބެހޭ ގޮތުން މަޝްވަރާކޮށް ރަނގަޅު ގޮތްތަކެއް ނިންމައި ދޭނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.
ކަރަންޓްގެ އަަގު ބޮޑު ކުރި މައްސަލަ ކޯޓަށް ވެސް ވެއްދުމަށް ވާން ޖެހޭ ތައްޔާރީތައް ކައުންސިލުން ވަމުން އަންނަ ކަމަށް ހިލްމީ ވިދާޅުވި އެވެ.
މާޗް މަހުން ފެށިގެން ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓުގެ އަގަށް ގެނައި ބަދަލަކީ ވިޔަފާވެރިންނަށް އޮބި ނޯންވަރުގެ އަގުތަކެއް ކަމަށް ބުނެ އައްޑޫގެ ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ބައެއްް ވިޔަފާވެރިން މާޗް މަހުގެ ބިލާ ހަވާލު ވާން ދެކޮޅު ހަދާފައިވާ އިރު، ބައެއް ވިޔަފާވެރިން ބުނީ ބިލް ނުދައްކާނެ ކަމަށެވެ.
އަދި ބިލަށް ގެނައި ބަދަލު އަނބުރާ ގެންދަން އައްޑޫ ސިޓީ ކައުންސިލާއި ވިޔަފާވެރިން ވަނީ ފެނަކަ ކޯޕަރޭޝަނަށް ވެސް ގޮވާލައިފަ އެވެ.
ކަރަންޓްގެ އަގު ބޮޑުވި މައްސަލާގައި ވިޔަފާވެރިން ހިމެނޭ ކޮމީޓީއެއް އެކުލަވާލައި، އެ ކޮމިޓީން ވެސް އަންނަނީ ހަރަކާތްތަކެއް ހިންގަމުންނެވެ.
އެގޮތުން މިދިޔަ ހުކުރު ދުވަހު "އޮޅުވާލި ކަރަންޓް، ފޮރުވާލި ސަބްސިޑީ"ގެ ނަމުގައި މުޒާހަރާއެއް ވެސް ބޭއްވި އެވެ.
ވިޔަފާވެރިން ބުނީ ކަރަންޓްގެ އަގަށް ސަރުކާރުން ހެޔޮ ބަދަލުތަކެއް ގެންނަންދެން އެ މީހުން އަޑު އުފުލާނެ ކަމަށެވެ.
މިކަމާ ގުޅިގެން ފެނަކައިން ބުނީ ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓްގެ އަގަށް ބޮޑު ބަދަލެއް އައީ ކުރިން ސަރުކާރުން ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާލުމުންނެވެ. އެހެންވެ އެއީ ފެނަކައިން އަގު ބޮޑު ކުރީ ނޫން ކަމަށް ބުނެފައިވެ އެވެ.
އެކަމަކު އައްޑޫގެ ވިޔަފާރިވެރިން ބުނީ ދުވަހަކު ވެސް އެމީހުންނަށް ކަރަންޓް ސަބްސިޑީއެއް ސަރުކާރުން ނުދޭ ކަމަށެވެ.