Last Updated: June 28, 12:01
Sunday, June 28, 2026
ޚަބަރު

ރޭ އެކްސިޑެންޓަށްފަހު ފިލައިގެން ދިޔަ ޖިޕް ޑްރައިވަރު ހައްޔަރުކޮށްފި

ރޭ ހިނގި އެކްސިޑެންޓަކަށްފަހު މަޑުނުކޮށްދިޔަ ޖީޕް -- ފޮޓޯ: ސ. ހިތަދޫ ޕޮލިސް ސްޓޭޝަން

ރޭ ހިތަދޫ ސްޓޭޓް ސްކްއާއި ދިމާލުން ޖިޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި މަޑުނުކޮށް ދިޔަ ޖިޕް ހޯދައި، ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އެކްސިޑެންޓަށް ފަހުމަޑުނުކޮށްދިޔަ ޖިޕް ފެނިފައިވަނީ ގަރާޖެއްގެ ތެރޭގައި ފޮރުވާފައި އޮއްވައެވެ.

ރޭގެ އެކްސިޑެންޓްގައި އަނިޔާވި މުހައްމަދު ފާއިޒުއަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވިއަސް އޭނާގެ އަންހެން ދަރިފުޅަށް ސީރިއަސް ގެއްލުން ލިބި އަދިވެސް ދަނީ ހިތަދޫ ރިޖަނަލް ހޮސްޕިޓަލްގެ އައިސީ ޔޫގައި ފަރުވާ ދެމުންނެވެ.