ސ.ހިތަދޫގައި އަނެއްކާ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
2 ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގައި ދެމީހަކަށް އަނިޔާވެފައިވާއިރު މަންޒަރު ދުށް މީހަކު ބުނީ އެކްސިޑެންޓުވީ ދެ ސައިކަލު ޖެހިގެން ކަމަށާޢި އެއް ސައިކަލްގައި ތިބީ އުމުރުން ދުވަސްވީ ދެމީހުން ކަމަށާއި އެކްސިޑެންޓުގައި އަނިޔާވީ އެދެމީހުންނަށް ކަމަށެވެ.
މި އެކްސިޑެންޓުވި އަނެއް ސައިކަލުގައި ތިބި މީހުން ވަނީ ފިލާފައެވެ. އަނިޔާވި ދެމީހުންނަށް މިހާރު ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްޑޫ ސިޓީގައި މިއަދު ހިނގި އެކްސިޑެންޓުގައި ސައިކަލުގައި އިން ދެމީހަކަށް އަނިޔާވެގެން ފަރުވާ ދެމުންދާ ކަމަށާއި މި އެކްސިޑެންޓުގައި އެއް ސައިކަލް ދުއްވަން އިން ފިރިހެން ކުއްޖާ ފިލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ވި ސައިކަލް ދުއްވަން އިނީ އުމުރުން 15 އަހަރުގެ ކުއްޖެކެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި އެކްސިޑެންޓްގައި އެކެއްގެ މޫނުމައްޗަށް އަނިޔާވެފައިވާއިރު އަނެއް މީހާގެ ކޮނޑުހުޅަށް ވަނީ އަނިޔާވެފައެވެ.
ނަމަވެސް އެ 2 މީހުންނަށް ވެސް ސީރިއަސް ގެއްލުމެއް ނުލިބޭ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އެކްސިޑެންޓްގައި ޒަޚަމްވި މީހެއްގެ އާއިލާގެ މެންބަރަކު ވަނީ މައުލޫމާތު ދީފައެވެ.