Last Updated: July 14, 13:49
Tuesday, July 14, 2026
ކުޅިވަރު

ރެކޯޑް މުގުރާލައި ލެވަކޫސަން ފައިނަލަށް

ރޯމާއާ 2-2 އިން އެއްވަރުކޮށް، ޔޫރަޕްގެ ފުޓްބޯޅަ ތާރީހުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން ބަލިނުވުމުގެ ރެކޯޑް މުގުރާލައި، ބަޔާ ލެވަކޫސަނުން ޔޫރޮޕާ ލީގުގެ ފައިނަލުން ޖާގަ ހޯދައިފި އެެވެ.

މި ނަތީޖާއާ އެކު ލެވަކޫސަނުން ވަނީ ބަލިނުވެ 49 މެޗު ހަމަކޮށްފަ އެވެ. މިއީ މީގެ ކުރިން ޕޯޗުގަލްގެ ބެންފީކާ އަތުގައި އޮތް ރެކޯޑެކެވެ. އެ ޓީމުން ރެކޯޑް ހެދީ 1963-1965 އަށެވެ.

ރޯމާ އާއި ލެވަކޫސަން ބައްދަލުކުރި ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗު 2-0 އިން ކާމިޔާބުކޮށްފައިވަނީ ލެވަކޫސަނުންނެވެ. ލެވަކޫސަން ފައިނަލަށް ދަތުރުކުރީ 4-2 އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައިގެންނެވެ،

ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދި ލެވަކޫސަންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 43 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ލިއަންޑްރޯ ޕަރޭޑެސް ވަނީ ރޯމާ އަށް ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 66 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޕަރޭޑެސް ވަނީ ރޯމާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ލެވަކޫސަނުން މި މެޗުގައި ޖެހި ފުރަތަމަ ގޯލަކީ މެޗުގެ 82 ވަނަ މިނެޓްގައި ރޯމާގެ ޖިއާންލޫކާ މަންޗީނީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި ގޯލަށް ފަހު ލެވަކޫސަނުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ނަތީޖާ އެއްވަރުކުރަން ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އިތުރު ވަގުތުގެ ތެރޭގައި ޖޯސިޕް ސްޓަނިސިޗް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީ ފައިނަލުް ޖާގަ ކަށަވަރުކޮށްދީފަ އެވެ.

ޔޫރޮޕާ ލީގުގެ ފައިނަލްގައި ލެވަކޫސަން މި މަހުގެ 22 ވަނަ ދުވަހު ނިކުންނާނީ އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށެވެ.